ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގުރާމުގެ ތަމްރީނުތައް ފުރިހަމަކޮށް 63 ބައިވެރިޔަކު ދަސްވެނިވެއްޖެއެވެ. ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފްގެ ތަމްރީނު މަރުކަޒުގައި ކުރިއަށްދިޔަ މި ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި ފަންނީ ތަމްރީނުތަކުގައި ބައިވެރިވެފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު ވަޠަނީ ޚިދުމަތުގެ އިބްތިދާއީ ތަމްރީނު ނިންމި ފުރަތަމަ ބުރުގެ ދަރިވަރުންގެ ތެރެއިން، ފަންނީ ދާއިރާތަކުން ކުރިއަށްދިއުމަށް ޝައުޤުވެރިކަން ފާޅުކުރި ކުދިންނެވެ. ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ފުރިހަމަކުރި ކޮންމެ ދަރިވަރަކަށް ލެވެލް 3 ގެ ސެޓްފިކެޓެއް ލިބިގެންދާނެއެވެ.

ވަތަނީ ހިދުމަތުގެ ފުރަތަމަ ޕްރޮގުރާމުގެ ފަންނީ ތަމްރީނުގައި ބައިވެރިވާ ޒުވާނުން
މި ފަހަރުގެ ޕްރޮގްރާމުގައި ރާއްޖޭގެ 15 އަތޮޅެއްގެ 35 ރަށަކަށް ނިސްބަތްވާ 65 ޒުވާނުން ބައިވެރިވިއިރު، އޭގެ ތެރެއިން 63 ބައިވެރިޔަކު ވަނީ ކާމިޔާބުކަމާއެކު ތަމްރީނުތައް ނިންމާލާފައެވެ. މި ޕްރޮގްރާމުގައި މައިގަނޑު ހަ ދާއިރާއަކުން ދަރިވަރުން ތަމްރީނުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އިލެކްޓްރިޝަން
- އޮޓޯމޮބައިލް އިންޖިނިއަރިން
- މެރިން އިންޖިނިއަރިން
- ރެފް އެންޑް އޭސީ
- އޮފީސް މެނޭޖްމެންޓް
- ބިލްޑިން އެންޑް ފެބްރިކޭޝަން
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން އަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، ޤައުމުގެ އިންސާނީ ވަސީލަތް ބިނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ މުހިންމު ބައެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނަކީ މަސައްކަތުގެ އަޚުލާޤާއި ހުނަރު ހުރި، ޤައުމަށް ފައިދާހުރި ބަޔަކަށް ހެދުމެވެ.

ވަތަނީ ހިދުމަތުގެ ފުރަތަމަ ޕްރޮގުރާމުގެ ފަންނީ ތަމްރީނުގައި ބައިވެރިވާ ޒުވާނުން
ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބުރުގައި 344 ބައިވެރިން ތަމްރީނު ފުރިހަމަކުރިއިރު، ދެވަނަ ބުރުގެ 344 ބައިވެރިން މިދިޔަ އާދިއްޔަ ދުވަހު ވަނީ ދަސްވެނިވެފައެވެ. ދިފާއީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، ދެވަނަ ބުރުގެ ދަރިވަރުންގެ ތެރެއިން 80 ބައިވެރިޔަކު ކުރިއަށް އޮތް ފަންނީ ތަމްރީނުތަކުގައި ބައިވެރިވާނެއެވެ.

