2026 ވަނަ އަހަރުގެ އެޕްރީލް މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް، އޭގެ ކުރީ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޒަކާތު ހައުސްއިން 2026 ވަނަ އަހަރުގެ އެޕްރީލް މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް އާންމުކުރުން
ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، 2025 ވަނަ އަހަރުގެ އެޕްރީލް މަހު ޒަކާތުގެ ފައިސާއިން ހޭދަކޮށްފައިވަނީ 2,828,118.28 (ދެ މިލިއަން އަށް ލައްކަ އަށާވީސް ހާސް އެއްސަތޭކަ އަށާރަ) ރުފިޔާއެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ އެޕްރީލް މަހު މި ޢަދަދު ވަނީ 3,811,259.91 (ތިން މިލިއަން އަށް ލައްކަ އެގާރަ ހާސް ދެސަތޭކަ ފަންސާސް ނުވަ) ރުފިޔާއަށް އިތުރުވެފައެވެ. މިއީ ގާތްގަނޑަކަށް 34.8 އިންސައްތައިގެ އިތުރުވުމެކެވެ.

ޒަކާތު ހައުސްއިން 2026 ވަނަ އަހަރުގެ އެޕްރީލް މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް އާންމުކުރުން
ފަޤީރުންނާއި މިސްކީނުންނަށް ދިން އެހީ ބައިން ކުރި ހޭދަ 2025 އެޕްރީލް މަހުގެ 1,179,397.99 ރުފިޔާއިން، 2026 އެޕްރީލް މަހު 1,449,239.39 ރުފިޔާއަށް ވަނީ އުފުލިފައެވެ. މީގެ ތެރޭގައި ޟަރޫރީ ބޭނުންތަކަށް ދިން އެހީ 42,500 ރުފިޔާއިން 182,731 ރުފިޔާއަށް އިތުރުވެފައިވާއިރު، ބޭސްފަރުވާގެ އެހީއަށް ކުރި ހޭދަ ވަނީ 1.1 މިލިއަން ރުފިޔާއިން 1.2 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އިދާރީ ހޭދަތައް ކުޑަވުންޒަކާތުގެ މަސައްކަތްތަކުގައި އުޅޭ "ޢާމިލުން" ނުވަތަ މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމުގެ ހޭދަތަކަށް ބޮޑު ބަދަލެއް ވަނީ އައިސްފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ އެޕްރީލް މަހު މި ބައިން 483,077.82 ރުފިޔާ ހޭދަކުރި ނަމަވެސް، މި އަހަރުގެ އެޕްރީލް މަހު މި ޢަދަދު ވަނީ 195,003.79 ރުފިޔާއަށް ތިރިވެފައެވެ. މިއީ ގާތްގަނޑަކަށް 60 އިންސައްތައިގެ ބޮޑު ދަށްވުމެކެވެ.

ޒަކާތު ހައުސްއިން 2026 ވަނަ އަހަރުގެ އެޕްރީލް މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް އާންމުކުރުން
އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެޕްރީލް މަހު އެންމެ ބޮޑު ކުރިއެރުމެއް އައީ "ފީސަބީލިﷲ" ބައިން ކުރި ހޭދަތަކަށެވެ. އިސްލާމީ ތަޢުލީމާއި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ކުރާ މަސައްކަތްތައް ފުޅާވުމާ ގުޅިގެން، މި ދާއިރާއަށް ކުރި ހޭދަ 1.1 މިލިއަން ރުފިޔާއިން 2.1 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. މީގެ ތެރޭގައި ހިމެނެނީ:
- މަތީ ތަޢުލީމަށް ދިން އެހީ: 290,274.76 ރުފިޔާ
- ޙާފިޛުން އުފެއްދުމާއި ޤުރުއާނުގެ ޢިލްމު ފެތުރުން: 1,093,749.47 ރުފިޔާ
- އަތޮޅު ތެރޭގައި ޤުރުއާން ސެންޓަރުތައް ބިނާކުރުން: 782,992.50 ރުފިޔާ
ތަފާސްހިސާބުތަކުން ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ދަތުރުވެރިންނަށްދޭ އެހީ ނުވަތަ "އިބްނުއްސަބީލް" ބައިން މިދިޔަ އަހަރު 62,052 ރުފިޔާ ހޭދަކުރި ނަމަވެސް، މި އަހަރުގެ އެޕްރީލް މަހު އެއްވެސް ޚަރަދެއް ކޮށްފައި ނުވާކަމެވެ.
މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއަށް ބަލާއިރު، 2026 އެޕްރީލް މަހު ޖުމްލަ 5,434,893 ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދަށްވުމެއް ނަމަވެސް، 2025 ވަނަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު 8.9 އިންސައްތައިގެ ކުރިއެރުމެކެވެ.

