މާލެ ޓެކްސީގެ ޚިދުމަތް ފެށިފަހުން މިހާތަނަށް އައިއިރު، ޚިދުމަތަށް އެދޭ މީހުންގެ ޢަދަދު އިތުރުވަމުންދާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.
ޕްރެސަރ ވިތް ސްޕޯކްސްގައި ހުވަދޫ މީޑިއާއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ، ރާއްޖެއާއި ނުބައްދަލު ޢަދަދަކަށް މާލޭގައި ވެހިކަލް ހުރި ކަމަށެވެ. އަދި އެންމެ ފުރަތަމަ ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރީ، މާލެ ސަރަޙައްދުގައި ހުރި ދުވަސްވީ އުޅަނދުތައް ނަގައި، ހަލާކުވެ ބޭނުން ނުކުރެވޭގޮތަށް ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ސަރުކާރުން ފާހަގަކުރައްވިގޮތުގައި މާލެ ޓެކްސީގެ ޚިދުމަތް ފެށިފަހުން ދޮޅުމަސް ވެގެންދިޔައިރު ޚިދުމަތާއި ބެހޭގޮތުން އާންމުންގެ ފަރާތުން ދަނީ، އެކިކަހަލަ ޚިޔާލުތައް ލިބެމުންނެވެ. އެގޮތުން ޚިދުމަތާމެދު ހިތްހަމަޖެހޭ ފަރާތްތަކާއި، ޚިދުމަތް އިތުރަށް ރަނގަޅު ކުރުމަށް އެކި ފަރާތްތަކުން ޚިޔާލު ހުށައަޅަމުންދާކަން ފާހަގަކުރައްވައެވެ.
މާލެ ޓެކްސީގެ ޚިދުމަތް ފެށީ، މިއަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހުއެވެ.
އަމިއްލަ ފަރާތްތަކަށް މާލޭގައި ޓެކްސީ ޚިދުމަތް ދެމުން ދިޔަ ގޮތުން އާންމުންގެ ބޮޑު ކަންބޮޑުވުމެއްގެ އޮތް ޑިމާންޑާ އެއްވަރަށް ޚިދުމަތް ނުދެވޭތީ އެމައްސަލަ ޙައްލު ކުރެއްވުމަށް މިއަދުގެ ސަރުކާރުން އެމްޓީސީސީއާއި ޙަވާލު ކޮށްގެން މިހާރު ކުރިއަށް ގެންދާ ޓެކްސީގެ ޚިދުމަތް ދިނުމަށް ތިމާވެއްޓާ ރައްޓެހި 3 ސައިޒެއްގެ 150 އުޅަނދު ވަނީ މާލެ ގެނެސްފައެވެ. ވެބްސައިޓު މެދުވެރިކޮށް އަދި ހޮޓްލައިން 1655 އަށް ގުޅުމުން ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަވާއިރު
މި ޚިދުމަތް ދެމުންދާ ގޮތާމެދު އާންމު ރައްޔިތުން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ.

