ގދ. ތިނަދޫ ސިޓީ ގައި ފަތަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހުވަދޫ ސްވިމިންގް ކުލަބުން “ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް” އެ ރަށުގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މި ޕްރޮގްރާމަކީ ފަތަން ނޭނގޭ 9 އަހަރުން މަތީގެ ކުދިންނަށް ފަތަން ދަސްކޮށްދިނުމާއި، ފެތުމުގެ އެކި ބެޖުތައް ހެދުމުގެ އިތުރުން ތަފާތު ސްޓްރޯކްތައް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. ހުވަދޫ ސްވިމިންގް ކުލަބުން މަޢުލޫމާތު ދޭ ގޮތުގައި، އެއްގޮތަކަށްވެސް ފަތަން ނޭނގޭ ކުދިންނަށް ކޯޗެއްގެ އެހީތެރިކަމާއެކު އާންމު ގޮތެއްގައި ތިން ހަފްތާއެއްހައި ދުވަހުގެ ތެރޭގައި މި ޕްރޮގްރާމްގެ ތެރެއިން ފަތަން ދަސްވާނެއެވެ.
ހުވަދޫ ސްވިމިންގް ކުލަބަކީ ތިނަދޫގައި ފެތުން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުލަބެކެވެ. އެގޮތުން އެންމެ ފަހުން އައްޑޫ ސިޓީގައި ބޭއްވުނު ޒޯން 8 ގެ އިންޓަ ސްކޫލް ފެތުމުގެ މުބާރާތުގައި ތިނަދޫ ސިޓީގެ ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެ، ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އެ މުބާރާތުން ތިނަދޫގެ ފެތުންތެރިން ވަނީ ޖުމލަ 27 ރަން މެޑަލް، 21 ރިހި މެޑަލް އަދި 31 ލޯ މެޑަލް ހޯދައި، ރަށަށް ރީތި ނަން ހޯދައިދީފައެވެ.
މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ތިނަދޫގެ ކުދިންނަކީ މޫދަށް ފަރިތަ، ފެތުމުގެ ހުނަރު ލިބިފައިވާ ބަޔަކަށް ހެދުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ނުވަތަ ރެޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 9912500 ނަންބަރު ފޯނާ ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް އެ ކުލަބުން އެދެއެވެ. ތިނަދޫގެ ގިނަ ކުދިން މި ފުރުސަތުގެ ބޭނުން ހިފައި، ފެތުމުގެ ދާއިރާއިން ކުރިއަށް ދިއުމަކީ އެ ކުލަބުގެ ވަރަށް ބޮޑު އުންމީދެކެވެ.

