ހުޅުމާލޭގައި އަލަށް ބިނާކުރާ ޖަލު ޔުނިޓުގެ ފުރަތަމަ ސެލް ބްލޮކްގެ މަސައްކަތްތައް ނިންމައި، އެ ތަނަށް ގައިދީން ބަދަލުކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ހާމަކޮށްފިއެވެ.
ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، ހުޅުމާލޭ ޕްލޮޓް ނަންބަރު 10623 ގައި އަލަށް ބިނާކުރާ ދެ ބުރީގެ މި އިމާރާތަކީ ޖުމްލަ 140 މީހުންގެ ޖާގައިގެ ޔުނިޓެކެވެ. މި ޔުނިޓުގައި ހިމެނޭ 5 ސެލް ބްލޮކްގެ ތެރެއިން ފުރަތަމަ ސެލް ބްލޮކްގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިންމާލާފައެވެ. އަދި މި މަސައްކަތް ނިމުމާއެކު، ފުރަތަމަ ބެޗްގެ 16 ގައިދީން އިއްޔެ ވަނީ އެ ޔުނިޓަށް ބަދަލުކޮށްފައެވެ.

ހުޅުމާލޭގައި އަލަށް ބިނާކުރި ޖަލު ޔުނިޓުގެ ފުރަތަމަ ސެލް ބްލޮކް – ފޮޓޯ: މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް
މި ޔުނިޓަކީ ހުކުމް ތަންފީޒުކުރާ ގައިދީންގެ ތެރެއިން، މާލޭ ސަރަހައްދުގައި ފަންނީ މަސައްކަތްތަކުގައި އުޅޭ ގައިދީން ބޭތިއްބުމަށް ހާއްސަކޮށްގެން ބިނާކުރާ ތަނެކެވެ. މިއީ ހޯލްޑިންގ ސެލްތަކާއެކު، އޭސީ ކުރެވިފައިވާ ފެންވަރު ރަނގަޅު ޔުނިޓެކެވެ.

ހުޅުމާލޭގައި އަލަށް ބިނާކުރި ޖަލު ޔުނިޓުގެ ފުރަތަމަ ސެލް ބްލޮކް – ފޮޓޯ: މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް
ކަރެކްޝަންސްއިން ބުނި ގޮތުގައި މި މަސައްކަތުގެ ގްރައުންޑް ފްލޯގެ ހުރިހާ މަސައްކަތެއް ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި ނިންމާލެވޭނެއެވެ. މި މަސައްކަތް މުޅިން ނިމުމުން، ކޯޓުތަކަށާއި މެޑިކަލް ފަރުވާއަށް މާލެ ގެންނަންޖެހޭ މީހުން ބޭތިއްބުމަށް ބޮޑު ލުއިކަމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މިހާރު ކުރަންޖެހޭ ދަތުރުފަތުރުގެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށްވެސް އެ ސާރވިސްއިން ފާހަގަކުރެއެވެ.

ހުޅުމާލޭގައި އަލަށް ބިނާކުރި ޖަލު ޔުނިޓުގެ ފުރަތަމަ ސެލް ބްލޮކް – ފޮޓޯ: މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް
މިހާރު ކަރެކްޝަންސްއިން މި ހިދުމަތް ދެމުންދަނީ ޖާގައިގެ ދަތިކަމާއި، ލޮޖިސްޓިކްސްގެ ގޮންޖެހުންތަކުގެ އިތުރުން މޫސުމީ ގޮތުން ދިމާވާ ދަތިތަކާއެކުގައެވެ. އަދި މިއީ އޮފިސަރުންނަށްވެސް ބޮޑު ރިސްކެއް އޮތް، ބުރަ މަސައްކަތެއްގެ ގޮތުގައި އެ މުއައްސަސާއިން ސިފަކުރެއެވެ. އެހެންކަމުން ހުޅުމާލޭގައި ގާއިމުކުރާ މި އައު ޔުނިޓުގެ ސަބަބުން މި ހުރިހާ ދަތިތަކަށް ހައްލެއް ލިބި، ޖަލު ބެލެހެއްޓުމުގެ ނިޒާމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

