ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ގޮސްތިބި ހުރިހާ ޙާޖީން މިރޭގެ ވަގުތެއްގައި މިނާއަށް ދިއުމަށް ފުރާނެއެވެ. މިއީ ޙައްޖުގެ މުގައްދަސް ބިނާތަކުގައި ހޭދަކުރާ ހަ ދުވަހުގެ ފެށުމެވެ.
މިނާ އަދި އަރަފާތުގައި ޙާޖީން ތިބުމަށް ބޭނުންވާ އެންމެހާ އިންތިޒާމްތައް މިހާރު ވަނީ ވަރަށް ފުރިހަމައަށް ހަމަޖައްސާފައެވެ. ލަފާކުރެވޭ ގޮތުގައި ފަތިސް ވަގުތާ ހަމައަށް ދާއިރު، ބަސްތަކުގައި ދަތުރުކުރާ ހުރިހާ ޙާޖީންނަށްވެސް މިނާގައި އެމީހުން ތިބުމަށް ހަމަޖެހިފައިވާ ޓެންޓުތަކަށް ދެވޭނެއެވެ. ނަމަވެސް، ޙައްޖާއި ގުޅިގެން މައްކާގެ މަގުތަކުގެ ޓްރެފިކް ވަރަށް ބޮޑަށް ތޮއްޖެހިފައިވާތީ، ދަތުރުތަކަށް ބައެއް ކަހަލަ ލަސްތަކެއް ކުރިމަތިވުން އެކަށީގެންވެއެވެ.
މިނާގައި ޙާޖީން ތިބުމަށް ހަމަޖެހިފައިވަނީ އަންހެނުންނާއި ފިރިހެނުންނަށް ވަކި ޚާއްސަ ޓެންޓުތަކެއްގައެވެ. ކެއިންބުއިމުގެ އިންތިޒާމްތައް ހަމަޖެހިފައިވަނީ ވަކިން ތައްޔާރުކޮށްފައިވާ ބުފޭ ސަރަޙައްދުތަކުގައެވެ. ކޮންމެ ޙާޖީއަކަށް ޓެންޓުގައި ސޯފާ ބެޑަކާއި، ބާލިސް އަދި ބެޑްޝީޓް ހުންނާނެއެވެ. މީގެއިތުރުން، ކޮންމެ މީހަކަށް ޚާއްސަ ޕެކޭޖެއްގެ ގޮތުގައި މުސައްލަ، ކުޑަ، ފެންފުޅި، ހިލަކޮޅު ހޮވާފައި އަޅާނެ ކޮތަޅު، ކުޑަ ދަބަސް އަދި ބައެއް ކަހަލަ ރީތިވާ ސާމާނު ލިބޭނެއެވެ.
ޙާޖީންގެ އަރާމަށްޓަކައި ހުރިހާ ޓެންޓްތަކެއްވެސް ވަނީ އޭސީކޮށްފައެވެ. ދިވެހި ޙާޖީންނަށް ޚާއްސަކޮށް މިފަހަރު 60 ފާޚަނަ ބަހައްޓާފައިވާއިރު، މިއީ ކުރީ އަހަރުތަކާ އަޅާބަލާއިރު ފަސް ގުނަ އިތުރު އަދަދެކެވެ. މީގެއިތުރުން، ޓެންޓުތަކުގެ ބޭރުގައި ފްރިޖްތައް ބަހައްޓާފައި ހުންނާނެ ކަމަށާއި، އެތަނުން ތަފާތު ފިނި ބުއިންތައް އެއްވެސް އަގަކާ ނުލާ ޙާޖީންނަށް ލިބޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
މިނާއެކޭ އެއްގޮތަށް އަރަފާތުގައިވެސް ޙާޖީން ތިބުމުގެ ހުރިހާ އިންތިޒާމްތަކެއް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.

