ސައުދީ އަރަބިއްޔާގެ މައްކާގައި ބާއްވާ “ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ކޮމްޕެޓިޝަން ފޯ ދަ މެމޮރައިޒޭޝަން، ރެސިޓޭޝަން އެންޑް އިންޓަޕްރިޓޭޝަން އޮފް ދަ ހޮލީ ގުރްއާން” މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާނެ ބައިވެރިއެއް ހޯދުމަށް ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން އިއުލާންކޮށްފިއެވެ.
މައްކާގައި ބާއްވާ މި ޝަރަފުވެރި މުބާރާތުގެ 46 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާއިރު، ގައުމީ ގުރުއާނާ ބެހޭ މަރުކަޒުން ނިންމާފައިވަނީ ހިތުން ކިޔުމުގެ ބަޔާއި ބަލައިގެން ކިޔުމުގެ ބައިން، ކޮންމެ ބަޔަކުން އަންހެން އަދި ފިރިހެން ބައިވެރިއަކު ހޮވުމަށެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، އުމުރުން 25 އަހަރު ފުރިފައިނުވުން ހިމެނެއެވެ. އަދި މީގެ ކުރިން މި މުބާރާތުގައި ބައިވެރިވެފައިވާ މީހަކަށް ވެގެންނުވާނެ ކަމަށްވެސް އެ މަރުކަޒުން ބުނެއެވެ.
މުބާރާތުގައި ބައިވެރިވެވޭ މައިގަނޑު ދެ ކެޓަގަރީއަކީ:
- މުޅި ގުރުއާން ހިތުދަސްކުރުމުގެ ބައި: ތަޖުވީދުގެ ހަމަތަކާ އެކު މުޅި ގުރުއާން އެއްކޮށް ހިތުން ކިޔަވަން އެނގޭ، ހިފްޒުކުރުމުގެ ސަނަދު އޮތް ފަރާތްތަކަށް.
- ވިދިވިދިގެން 15 ފޮތް ހިތުދަސްކުރުމުގެ ބައި: ގުރުއާނުގެ ވިދިވިދިގެންވާ 15 ފޮތް ތަރުތީބުން، ތަޖުވީދުގެ ހުކުމްތަކާ އެކު ހިތުން ކިޔަވަން އެނގޭ ފަރާތްތަކަށް.
ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން މައުލޫމާތު ދޭ ގޮތުގައި، ރާއްޖެ ތަމްސީލުކުރާނެ ބައިވެރިން ހޮވާނީ ކުރިމަތިލާ މީހުންގެ މެދުގައި ބާއްވާ ހާއްސަ އިމްތިހާނަކަށް ފަހުގައެވެ.
މީގެ އިތުރުން، މި މުބާރާތަށް ހޮވޭ ބައިވެރިއަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ނުވަތަ 17 އަހަރުން ދަށުގެ ކުއްޖެއްނަމަ، އެ ފަރާތެއްގެ ބެލެނިވެރިއަކު ގޮވައިގެން ދިއުމުގެ އިންތިޒާމު މުބާރާތް އިންތިޒާމުކުރާ ފަރާތުން ހަމަޖައްސައިދޭނެ ކަމަށްވެސް އެ މަރުކަޒުން ބުނެފައިވެއެވެ.
މި މުބާރާތަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ ތިން ވަނަ ދުވަހެވެ.

