މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު މިނާއަށް ގޮސްފިއެވެ. މިނާ އަދި އަރަފާތުގައިވެސް ޙާޖީން ތިބުމުގެ އެންމެހާ އިންތިޒާމްތައް ވަނީ ވަރަށް ފުރިހަމައަށް ހަމަޖައްސާފައެވެ.
ދިވެހި ޙައްޖުވެރިން މިނާއަށް ދިޔުމަށް ފުރާފައިވަނީ ރޭގެ ވަގުތެއްގައެވެ. ފަތިހުގެ ވަގުތެއްގައި ހުރިހާ ޙައްޖުވެރިންނަށް މިނާއަށް އާދެވިފައިވާއިރު، މިނާގައި އަންހެނުންނާއި ފިރިހެނުންނަށް ޚާއްސަ ޓެންޓުތަކާއި، ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށް ޚާއްސަ ބުފޭ ސަރަޙައްދުތައް ވަކިން ވަނީ ގާއިމުކޮށްފައެވެ.
ޙައްޖުވެރިން ތިބޭ ޓެންޓުތަކުގެ އިންތިޒާމްތަކަށް ބަލާއިރު، ކޮންމެ ޙާޖީއަކަށް ސޯފާ ބެޑަކާއި، ބާލިސް އަދި ބެޑްޝީޓް ވަނީ ފޯރުކޮށްދީފައެވެ. މީގެއިތުރުން މުސައްލަ، ކުޑަ، ފެންފުޅި، ހިލަކޮޅު ހޮވާފައި އަޅާ ކޮތަޅު، ކުޑަ ދަބަހެއް އަދި ބައެއް ކަހަލަ ރީތިވާ ސާމާނު ހިމެނޭ ޕެކޭޖެއް ކޮންމެ މީހަކަށް ވަކިން ލިބޭނެއެވެ. ހުރިހާ ޓެންޓްތަކަކީވެސް އޭސީކޮށްފައިވާ ތަންތަނެވެ.
މިއަހަރުގެ އިންތިޒާމްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކަމަކީ ދިވެހި ޙައްޖުވެރިންނަށް ޚާއްސަކޮށް 60 ފާޚަނަ ބަހައްޓާފައިވުމެވެ. މިއީ މީގެކުރީ އަހަރުތަކާ އަޅާބަލާއިރު ފަސް ގުނަ އިތުރު އަދަދެކެވެ. މީގެއިތުރުން ޙާޖީންނަށް ތަފާތު ފިނި ބުއިންތައް އެއްވެސް އަގަކާ ނުލާ ލިބޭގޮތަށް، ޓެންޓުތަކުން ބޭރުގައި ފްރިޖްތައް ބަހައްޓާފައި ހުރެއެވެ.
މިނާއެކޭ އެއްގޮތަށް، އަރަފާތުގައިވެސް ޙާޖީން ތިބުމުގެ ހުރިހާ އިންތިޒާމްތަކެއް މިހާރު ވަނީ ނިމިފައެވެ. ޙައްޖުގެ މަތިވެރި އަޅުކަމުގެ ތެރެއިން ޙައްޖުވެރިން މަޝާއިރުގައި ޖުމްލަ ހަ ދުވަސް ހޭދަކުރާނެއެވެ.

