ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް ހިންގި ނުރައްކާތެރި ސާޗް އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ ޑައިވަރުންގެ ޓީމުގެ އަގު ވަޒަންކޮށްފިއެވެ. މި މަސައްކަތުގައި ހަރަކާތްތެރިވި ފުލުހުންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ ހިތްވަރު ފާހަގަކުރެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނާއި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅުގެ މަޝްހޫރު “މިޔަރު ޑައިވް” ސައިޓުގެ ދެވަނަ ކަނޑު ހޮހޮޅައަށް ފީނަން ގޮސް އުޅެނިކޮށް މަރުވެފައިވަނީ އިޓަލީގެ ފަސް މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ މޮނިކާ މޮންޓެފަލްކޯން (52އ)، ޖިއޯޖިއާ ސޮމަކާލް (20އ)، މުރީއެލް އޮޑެނިނޯ (31އ)، ފެޑެރީކޯ ގުއަލްޓިއަރީ (31އ) އަދި ޖިއަންލޫކާ ބެނެޑެޓީ (44އ) އެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރެއިން ޖިއަންލޫކާގެ ހަށިގަނޑު ފެނިފައިވަނީ ތިން ޗެމްބަރު ހުންނަ އެ ހޮހޮޅައިގެ ފުރަތަމަ ޗެމްބަރުގެ ދޮރު ކައިރިންނެވެ. ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ފެނިފައިވަނީ ހޮހޮޅައިގެ އެންމެ އަޑިން، ތިން ވަނަ ޗެމްބަރުގެ ދޮރުމަތިން 165 ފޫޓު އަޑީގައި އޮއްވައެވެ. ޖިއަންލޫކާގެ ހަށިގަނޑު ސިފައިން ނެގި ނަމަވެސް، އަނެއް ހަތަރު މީހުންގެ ހަށިގަނޑު ނެގުމުގައި ޔޫރަޕުގެ ޑޭން ކުންފުނީގެ ތަޖުރިބާކާރު ޑައިވަރުންނާއި ދިވެހި ފުލުހުންނާއި ސިފައިން ބައިވެރިވިއެވެ.
ކޮމިޝަނަރުގެ އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި، މި ނުރައްކާތެރި އޮޕަރޭޝަންގައި ފުލުހުން ދެއްކި ހިތްވަރާއި ކުރި ބުރަ މަސައްކަތަށް ވަޒީރު ވަޒީރު އިހުސާނާއި ސީޕީ ވަނީ ސާބަސް ދެއްވާފައެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އިސް އޮފިސަރުންވެސް ބައިވެރިވެލެއްވިއެވެ.
ވަޒީރު އިހުސާން ވަނީ އާންމު ރައްޔިތުންނަށް ހިދުމަތްކުރުމާއި، ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބުމަށް ފުލުހުންގެ ޓީމަށް ހިތްވަރު ދެއްވާފައެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ގޮންޖެހުން ބޮޑު އެއް ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންކަން ފާހަގަކުރެވެއެވެ.

