ދައުލަތަށް ނުލިބިހުރި ފައިސާ ހޯދުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އެކަނިވެސް 543 މިލިއަން ރުފިޔާ ހޯދާފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ. ދައުލަތަށް ޓެކްސް އަދި އެނޫން ގޮތްގޮތުން ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރިއިރު، އެ ފައިސާ ހޯދުމަށް މީރާއިން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
މީރާގެ އެޕްރީލް މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން، މި ފައިސާ ހޯދާފައިވަނީ ނޯޓިސް ފޮނުވުމާއި، ޑިއުސް ކްލިއަރެންސް، އިންސްޓޯލްމަންޓް އެއްބަސްވުންތައް އަދި އެކްޝަން ޕޮލިސީގެ ދަށުން އެޅި ފިޔަވަޅުތަކުންނެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޯދާފައިވަނީ ނޯޓިސް ފޮނުވައިގެންނެވެ.
ނުލިބިހުރި ފައިސާ ހޯދުމަށް އެކި ގޮތްގޮތުން ކުރި މަސައްކަތުގެ ތަފްސީލަށް ބަލާއިރު، ނޯޓިސް ފޮނުވައިގެން 372 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. އަދި ޑިއުސް ކްލިއަރެންސްގެ ގޮތުގައި 96 މިލިއަން ރުފިޔާ، އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުން 64 މިލިއަން ރުފިޔާ، ފޯނު ކޯލުތައް މެދުވެރިކޮށް 5 މިލިއަން ރުފިޔާ، އަދި އެކްޝަން ޕޮލިސީގެ ދަށުން 4 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ.
މީރާއިން ފާހަގަކުރި ގޮތުގައި، ތަންފީޒީ ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ޓެކްސް އަދި ޓެކްސް ނޫން ފައިސާ ހޯދުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. މީގެ އިތުރުން، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން، މިދިޔަ މަހުވެސް 48 ފަރާތެއްގެ ނަން މީރާއިން ވަނީ އާންމުކޮށްފައެވެ.
މި ލިސްޓުގައި ހިމެނެނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އިންކަމް ޓެކްސް ބަޔާން ހުށަނާޅާ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ވިޔަފާރި ކުރާ ފަރާތްތަކެވެ. މިއީ ޓެކުހަށް ސަމާލުކަން އިތުރުކުރުމަށާއި ގަވާއިދުން ޓެކްސް ދެއްކުމަށް ބާރުއެޅުމުގެ ގޮތުން މީރާއިން ކުރަމުންދާ މަސައްކަތެކެވެ.

