ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް އަޙްމަދު މަހުލޫފް، އެޤައުމުގެ އެމްޕަރަރ ނަރުހީޓޯއަށް މިއަދު ފަތްކޮޅު އަރުވައިފިއެވެ.
މިއަދު ޖަޕާނުގެ އިމްޕީރިއަލް ޕެލަސްގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ފަތްކޮޅު އެރުވުމަށްފަހު، ސަފީރު މަހުލޫފް ވިދާޅުވީ ޖަޕާނުގެ އެމްޕަރަރަށް ފަތްކޮޅު އެރުވުމުގެ ފުރުޞަތު ލިބިވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
މި މަޤާމަށް އައްޔަންކުރައްވައި، ރާއްޖެ ތަމްސީލުކުރުމުގެ އިތުބާރު ދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މަހުލޫފް ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
މަހުލޫފް އިތުރަށް ވިދާޅުވީ، މިނިސްޓަރު އިރުތިޝާމް އާދަމާއި ފޮރިން މިނިސްޓްރީގެ ޓީމުގެ ފުރިހަމަ އިރުޝާދާއި އެއްބާރުލުމާއެކު، ޖަޕާނުގައި އޮންނަ ރާއްޖޭގެ އެމްބަސީން ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ދިވެހިރާއްޖެއާއި ޖަޕާނަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ޤައުމެވެ. ޚާއްޞަކޮށް ތަރައްޤީގެ އެކި މަޝްރޫޢުތަކުގައާއި ތަޢުލީމީ ދާއިރާއިން ޖަޕާނަކީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންދާ ޤައުމެކެވެ.

