މިއަހަރުގެ އަޟްޙާ ޢީދާ ގުޅުވައިގެން މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ސަރުކާރުން ބާއްވާ “ޢީދު ހަވީރު 1447” ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަރަށް ފުރިހަމައަށް ބައިވެރިވުމަށް ނިންމައިފިއެވެ.
މި ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 އިން 29 ގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ހަރަކާތުގައި އެމްއޭސީއެލްގެ ޚާއްސަ ސްޓޯލެއް ހުޅުމާލޭ ސެންޓްރަލް ޕާކުގެ އިރުމަތީ އެންޓްރެންސްގައި ހުންނާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
އެމްއޭސީއެލްގެ ސްޓޯލްގައި ކުރިއަށްދާނެ ހަރަކާތްތަކުގެ ތެރޭގައި ދިވެހި ސަޤާފީ ކުޅިވަރުތަކުގެ ތެރެއިން ކޯޑީއާއި ބޮޑުބެރާއެކު މާލީގެ ތަފާތު ހަރަކާތްތައް ފެނިގެންދާނެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށްގެން ފަނުން ޒީނަތްތެރިކޮށްފައިވާ “ޓްރީހައުސް” (ގަސްމަތީ ގެ) އަކާއި، ރެކިން ބޯލް، ވައިޕް އައުޓް އިންފްލެޓަބަލް އަދި ބަބުލް ހައުސް ފަދަ މަޖާ ކުޅިވަރުތައް ވެސް ހުންނާނެއެވެ.
މި އަހަރުގެ ޢީދު ހަވީރުގެ ޚާއްސަ ހައިލައިޓެއްގެ ގޮތުން، ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤު (ދަގަނޑޭ) ގެ ހުނަރުތައް އެމްއޭސީއެލްގެ ސްޓޯލްގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުޑަކުދިންގެ މެދުގައި މަޤުބޫލު ކާޓޫން ކެރެކްޓާސްގެ މެސްކޮޓްތަކާއި، ހީނާ އާޓް އަދި ފޭސް ޕެއިންޓިންގ ފަދަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.
އެމްއޭސީއެލްގެ ފަރާތުން ވަނީ މި އުފާވެރި ޢީދު ހަވީރުގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވާފައެވެ. މި ހަރަކާތަކީ ޢާއިލީ ގުޅުން ބަދަހިކުރުމާއި، ޢީދުގެ އުފާވެރިކަން އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ހަރަކާތެކެވެ.

