ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި، އެއީ މުޅި ދުނިޔެ ބަދަހިކޮށްދޭ މުހިންމު ވަސީލަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ފުޓުބޯޅަ ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.
މެޑަމް ސާޖިދާގެ ޕޯސްޓުގައި ވަނީ، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ފުޓުބޯޅައަށް ހާއްސަ މަގާމެއް ދެވިފައިވާކަން ފާހަގަކުރައްވާފައެވެ. އެކަމަނާ ވިދާޅުވި ގޮތުގައި ފުޓުބޯޅައަކީ އެކި އުމުރުފުރާގެ، އެކި ސަގާފަތްތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މީހުން ގުޅުވައިދޭ ހަރަކާތެކެވެ. އަދި މިއީ ދުޅަހެޔޮ، އުފާވެރި އަދި މާނަވީ ދިރިއުޅުމަކަށް ބާރު ލިއްބައިދޭ ކަމެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ފުޓުބޯޅައިގެ ތެރެއިން ރިވެތި އަހުލާގާއި، ޓީމްވޯކް އަދި ގަވާއިދުތަކަށް ބޯލެނބުމުގެ މުހިންމުކަން ދަސްކޮށްދޭކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، މި ކުޅިވަރުން ބިނާކުރަނީ ހަމައެކަނި އެތުލީޓުން ނޫން ކަމަށާއި، މިއީ ޒިންމާދާރު ރައްޔިތުންތަކެއް ބިނާކޮށްދޭ ހަރަކާތެއް ކަމަށެވެ.
އަމާން އަދި ބަދަހި މުޖުތަމައުއެއް ބިނާކުރުމުގައި ފުޓުބޯޅައިގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި، މިއީ ޒުވާނުންނަށް ހިތްވަރުދޭ އަދި ފާގަތި މުސްތަގުބަލެއް ބިނާކުރުމަށް ބާރުލިބޭ ކަމަކަށް ވުމީ އެކަމަނާގެ ބޮޑު އުއްމީދެއް ކަމަށް ވިދާޅުވިއެވެ.
ދުނިޔޭގެ ފުޓުބޯޅަ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މެއި މަހުގެ 25 ވަނަ ދުވަސް ފާހަގަކުރަން ފެށީ 2024 ވަނަ އަހަރުއެވެ. މި ދުވަސް ކަނޑައެޅުނީ ތާރީހުގައި ބޭއްވި ފުރަތަމަ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ.

