އަޟްހާ އީދު ނަމާދާ ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގައި ދެމުންގެންދާ އާރްޓީއެލް ބަހުގެ ޚިދުމަތްތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި އީދު ދުވަހު ގްރޭޓަރ މާލެ ސަރަހައްދުގައި ބަހުގެ ޚިދުމަތް އާންމުކޮށް ފަށާނީ ހެނދުނު 8:00 ގައެވެ. ނަމަވެސް، އެއަރޕޯޓަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މާލެ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އިން އެއަރޕޯޓަށް ހެނދުނު ކުރާ ދަތުރުތަކެއް ވަނީ ތާވަލުކޮށްފައެވެ.
އެގޮތުން އީދު ނަމާދުގެ ކުރިން ކުރާ ފުރަތަމަ ދަތުރުތައް 5:30 އިން 6:05 އަށް ކުރިއަށްދާނެއެވެ. އަދި ދެވަނަ ދަތުރުތައް 6:00 އިން 6:35 އަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ދަތުރުތަކަށްފަހު، މި ތިން ރޫޓުގެ ޚިދުމަތްވެސް އީދު ނަމާދަށް މެދުކަނޑާލުމަށްފަހު އަލުން ފަށާނީ ހެނދުނު 8:00 ގައެވެ.
ބަހުގެ ޚިދުމަތުގެ އިތުރުން މާލެއާއި ވިލިމާލެއާ ދެމެދު ކުރާ ފެރީގެ ޚިދުމަތަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެމްޓީސީސީން ބުނީ އީދު ނަމާދު ވަގުތާ ދިމާކޮށް ހެނދުނު 6:30 އިން 8:15 އާ ހަމައަށް ފެރީގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށެވެ.
މާލެ-ވިލިމާލެ ރޫޓުގައި އީދު ނަމާދުގެ ކުރިން އެންމެ ފަހު ފެރީ އޮންނާނީ ހެނދުނު 6:30 ގައެވެ. އަދި ނަމާދަށްފަހު ޚިދުމަތް އަލުން ފަށާނީ ހެނދުނު 8:15 ގައި ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

