މާލެއިން ފުރައިގެން އއ. ތޮއްޑޫއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވެ އަޑިއަށްދާތީ، އޭގައި ތިބި މީހުން ފުލުހުންގެ އެހީތެރިކަމާއެކު ސަލާމަތްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިސް އިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 17:30 ހާއިރުއެވެ. ދިޔަވެ އަޑިއަށްދާން ފަށާފައިވަނީ “ރިލެކްސް އައިޝާ” ނަމަކަށް ކިޔާ ލޯންޗެކެވެ. މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި 25 މީހުން ތިބި ކަމަށާއި، އެ އެންމެންވެސް މިހާރު ރައްކާތެރިކަމާއެކު ސަލާމަތްކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވެފައި، އަދި ބޮޑު އީދާ ދިމާކޮށް ކަނޑުމަގުން ގިނަ ބަޔަކު ދަތުރުކުރަމުންދާ ވަގުތެއްކަމުން، ދަތުރުކުރާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުތައް ރޭވުމަށާއި، އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމައަށް ހުރިތޯ ޗެކްކުރުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް ނަސޭހަތްތެރިވެއެވެ.

