ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅަކީ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ރައީސްގެ މި ދަތުރުފުޅާ ގުޅޭގޮތުން ތަރުޖަމާނު މިހެން ވިދާޅުވީ، ރައީސް ސިންގަޕޫރަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމާ ބައްދަލުކުރެއްވުމަށް ކަމަށް ބުނެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން (އޮންލައިން ނޫހަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން)ނެވެ. ރައީސް ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ އެ ދަތުރުފުޅުގައި ނާޒިމް ރައީސްއާ ވާހަކަދައްކަވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.
މިކަމާ ގުޅިގެން ވަގުތު ނޫހަށް މުންދު ވިދާޅުވީ، ރައީސް ސިންގަޕޫރަށް ވަޑައިގަތީ އާއިލާއާއެކު ޗުއްޓީއަށް ކަމަށާއި، އެކަމާ ގުޅިގެން އިތުރަށް ހިއްސާކުރާނެ ވާހަކައެއް ނެތް ކަމަށް އެނޫހުން ވަނީ ހާމަކޮށްފައެވެ. އަދި “ނަޝީދު ދަމާހާ ދެއުޅިއެއް ނެތް ހާސާރަށް އަބަދު ޖަވާބުދޭކަށް ނުވިސްނަން” ކަމަށްވެސް މުންދު ވިދާޅުވިކަމަށް އެނޫހުން ބުނެފައިވެއެވެ.
ރައީސް ޑރ. މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައި ކަމަށްވާއިރު ރައީސް އޮފީހުން ވެސް ވަނީ މިއީ ރައީސުލްޖުމްހޫރިއްޔާގެ ނުރަސްމީ ދަތުރުފުޅެއްކަން ރަސްމީ ހައިސިއްޔަތުން ކަށަވަރުކޮށްދީފައެވެ.

