ކުރިއަށް އޮތް އަލްޙާ އީދު ދުވަހު މާލެ ސަރަހައްދުގެ ބޮޑު ޖަމާޢަތްތަކުގައި ޢީދު ނަމާދު އިމާމުވެ ކުރައްވާނެ ޚަތީބުންގެ މައުލޫމާތު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. މިއަހަރުގެ އަޟްހާ އީދު ދުވަހަކީ މި މަހުގެ 27 ވާ އާދީއްތަ ދުވަހެވެ.
މާލޭ ސަރަހައްދުގައި ބޮޑު ޖަމާޢަތުގައި އީދު ނަމާދުކުރުމަށް ހަމަޖައްސާފައިވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައެވެ. އެގޮތުން މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގައި އިމާމުވެ ނަމާދުކުރައްވާނީ އައްޝައިހް އަބްދުالله ސަޢުދާނެވެ. ވިލިމާލެ ފުޓުބޯޅަ ދަނޑުގައި ބާއްވާ ބޮޑު ޖަމާޢަތުގެ ޚަތީބަކީ އަލްޤާރީ އަހްމަދު ރިޔާޟް އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކްގައި ބާއްވާ ބޮޑު ޖަމާޢަތުގެ ޚަތީބަކީ އައްޝައިޚް ނަޞްރުالله ޢަލީ އެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގައި އިމާމުވެ ނަމާދުކުރައްވާނީ ޒުވާން ޚަތީބު އަލްހާފިޡް މުޙައްމަދު ޙަނޫން ހުސައިންނެވެ.
ބޮޑު ޖަމާޢަތުގެ އިތުރުން މާލޭގެ ބޮޑެތި މިސްކިތްތަކުގައިވެސް އީދު ނަމާދު ކުރުން އޮންނާނެއެވެ. އިސްލާމީ މަރުކަަޒުގައި އިމާމުވެ ޢީދު ނަމާދު ކުރައްވާނީ އިސް އިމާމު އައްޝައިޚް މުޙައްމަދު ލަތީފެވެ. އަދި މަސްޖިދު މަލިކު ސަލްމާންގައި އިމާމުވެ ނަމާދުކުރައްވާނީ އައްޝައިޚް އިބްރާހިމް ރަޝީދު ޙަސަން އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މޫސުން ގޯސްވެ ވިއްސާރައިގެ ސަބަބުން މައިދާންތަކުގައި ނަމާދުކުރުން ކެންސަލް ކުރަން ޖެހިއްޖެނަމަ، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައިވެސް އީދު ނަމާދުކުރުން އޮންނާނެ ކަމަށެވެ. ހުރިހާ ސަރަހައްދެއްގައިވެސް ޢީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00 ގައެވެ.

