ސައުދީ އަރަބިއްޔާއަށް މިދުވަސްވަރު މޫސުން ވަރަށް ބޮޑަށް ހޫނުވި ނަމަވެސް، ހައްޖުގެ އަޅުކަމަށް ގޮސް ތިބި ދިވެހި ހުރިހާ ހާޖީންގެ ހާލު ވެސް ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ކަންކަމާ ހަވާލުވެފައިވާ ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ވިދާޅުވީ، މައްކާ ގަޑިން ރޭ ފަތިހު 5:00 ގައި ހުރިހާ ހައްޖުވެރިން މިނާގެ ޓެންޓްތަކަށް ވަދެ ނިމިފައިވާ ކަމަށެވެ. އަދި މިނާއަށް ދިވެހި ހައްޖުވެރިން އައިއިރު، ފުރިހަމަ ކުރަން ބޭނުންވި ހުރިހާ އިންތިޒާމުތަކެއް ފުރިހަމަވެފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ސައުދީ އަރަބިއްޔާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި، ހައްޖުގެ ދުވަސްތަކުގައި މައްކާގެ ހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް އަރާނެއެވެ. ޝަކީލް ވިދާޅުވީ މިފަދަ ގަދަ ހޫނެއް ހުރި ނަމަވެސް ހާޖީންގެ ސިއްހީ ހާލަތު ރަނގަޅު ކަމަށެވެ.
ހައްޖުގެ އަޅުކަމުގެ ތަރުތީބަށް ބަލާއިރު، މިނާގައި ތިބި ހައްޖުވެރިން މައްކާ ގަޑިން މިރޭ 9:00 ގައި އަރަފާތަށް ދިއުމަށް ދަތުރު ފަށާނެއެވެ. ޝަކީލް ވިދާޅުވީ އުންމީދު ކުރައްވަނީ އެންމެ ލަސްވެގެން ވެސް ކަނޑައެޅިފައިވާ ގަޑިއަށް އަރަފާތަށް ދިއުމުގެ ދަތުރުތައް ފެށޭނެ ކަމަށެވެ.
“ޖުމްލަ ގޮތެއްގައި ހައްޖުވެރިންގެ ހާލު ރަނގަޅު. އަދި އަޅުގަނޑު ދުއާއަކީ ވެސް އަދި އެދޭ ގޮތަކީ ވެސް މިއަހަރު ދިވެހި ރާއްޖޭން ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ސައުދީ އަރަބިއްޔާއަށް އައިސް ތިބި ހުރިހާ ހައްޖުވެރިން، ﷲ ގެ ތަނަވަސް ރަހުމަތުން މަބްރޫރު ހައްޖެއް މިންވަރު ކުރެއްވުން” ޝަކީލް ވިދާޅުވިއެވެ.

