ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި ދިވެހި ޙާޖީއާއެކު، މިއަހަރު ރާއްޖޭގެ ފަރާތުން ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ހުރިހާ ޙާޖީން މިހާރު ޢަރަފާތުގެ ބިމަށް ގޮސްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ވަޒީރު ޝަހީމް މިއަދު ވިދާޅުވީ، މާތްﷲގެ ހެޔޮ ރަޙުމަތްފުޅުން އެންމެހައި ދިވެހި ޙާޖީންގެ ޙާލުވެސް މިހާރު ރަނގަޅު ކަމަށެވެ. އަދި ހައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ޢަރަފާތުގެ ބިމުގައި މަޑުކުރުމަށްޓަކައި ހުރިހާ ޙާޖީން މިހާރު ތިބީ ޢަރަފާތުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މިނާ ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި އެޑްމިޓްކޮށްގެން ފަރުވާދިން ޙާޖީގެ ޙާލުވެސް މިހާރު ވަނީ ރަނގަޅުވެފައެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިސްނަގައިގެން، އެ ޙާޖީ މިއަދު ޢަރަފާތުގެ ބިމަށް ގެންގޮސްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“ﷲ ގެ ހެޔޮ ރަޙުމަތްފުޅުން އެންމެހައި ދިވެހި ޙާޖީންގެ ޙާލު ރަނގަޅު. މިހާރު އެންމެހައި ހާޖީން ވަނީ ޢަރަފާތުގަ. މިނާ ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި އެޑްމިޓްކުރި ހާޖީގެ ހާލުވެސް މިހާރު ރަނގަޅު. ޙައްޖު ކޯޕަރޭޝަނުން ވަނީ މިއަދު އޭނާ ވެސް ޢަރަފާތަށް ގެންގޮސްފަ،” ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
ދިވެހި ޙާޖީންގެ ކަންކަން ބެލެހެއްޓުމުގައި އަމީރުލް ޙައްޖުގެ ގޮތުގައި މިއަހަރު ވަޑައިގެން ހުންނެވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އެވެ.

