ޤިޔާމަތް ދުވަހަށް ތައްޔާރުވުމަކީ ތަޤުވާވެރިކަމުގެ ތެރެއިންވާ ކަމެއްކަން ހާމަކުރުމާއެކު، މާތްﷲ އަށް ތަޤުވާވެރިވެ ޙައްޖުގެ މަނާސިކުތައް އަދާކުރުމުގައި ދުޢާކުރުން އިތުރު ކުރުމަށް މިއަހަރުގެ ޙައްޖު ޚުތުބާގައި ގޮވާލައްވައިފިއެވެ. ނަމިރާ މިސްކިތުގައި މިއަދު އިއްވެވި ޙައްޖު ޚުތުބާ އިއްވަވައި ދެއްވީ ފަޟީލަތުއްޝައިޚް އަލީ ބިން އަބްދުއްރަޙްމާން އަލް ޚުޛައިފީއެވެ.
ޝައިޚް އަލްޚުޛައިފީގެ ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، އަޅުތަކުންނަަށް އާޚިރަތުގައި ނަޖާވެވޭނެ ހަމައެކަނި މަގަކީ މާތްﷲއަށް ތަޤުވާވެރިވުމެވެ. ޤިޔާމަތް ދުވަހަށް ތައްޔާރުވުމަކީ ތަޤުވާވެރިކަމުގެ ތެރެއިންވާ ކަމެއްކަން ފާހަގަކުރައްވައި، ކީރިތި ޤުރުޢާނުގެ އަލް ހައްޖު ސޫރަތުގައި މާތްﷲ މިކަން ވަހީކުރައްވާފައިވާކަމަށް ޝައިޚް ވިދާޅުވިއެވެ. އަދި ޤިޔާމަތް ދުވަހަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މާތް ﷲއަށް އެއްކައުވަންތަކުރުން ކަމަށާއި، ޝިރުކު ކުރުމުގެ ނުބައިކަމުން ދުރުހެލިވުމަށް ވަނީ ގޮވާލައްވާފައެވެ.
ޢަރަފާތު ދުވަހުގެ މަތިވެރިކަން ހިތްމައްޗަށް ގެނައުމާއެކު، ގިނަގިނައިން ދުޢާކުރުމާއި، ޛިކުރުކުރުން އިތުރުކޮށް، މާތްﷲގެ ޙަޟްރަތުގައި ތަވާޟުޢުވެރިވުމަށް ޚުޠުބާގައި މުސްލިމުންނަށް އިލްތިމާސްކުރެއްވިއެވެ. ޝައިޚް ވިދާޅުވީ ޝިރުކުކުރުމުން ދުރުހެލިވެ ޒިކުރުކުރުން މަތީ މުޢުމިނުން ދެމިތިބޭނަމަ މާތް ﷲ އެބައެއްގެ ހިތްތައް މަޑުމޮޅިކުރައްވާ ކެތްތެރި ބައެއްގެ ގޮތުގައި ލައްވާނެ ކަމަށެވެ.
ޙައްޖުގެ އަޅުކަމުގެ ޝަޢީރާތަކަށް އަލިއަޅުއްވާލައްވަމުން ޝައިޚް ވިދާޅުވީ، ޢަރަފާތުގައި ތިބޭއިރު ފާސިދު ފާޖިރު ވާހަކަތައް ދެއްކުމާ ދުރުހެލިވާންޖެހޭ ކަމަށެވެ. އަދި ޙައްޖުގެ ތެރޭގައި ސިޔާސީ އަދި ހިޒުބީ ޝިއާރުތަކަަށް އެއްވެސް ޖާގައެއް ނޯންނާނެކަން ފާހަގަކުރައްވައި، މާތްވެގެންވާ ގެފުޅުގެ ޠާހިރުކަން ދެމެއްޓުމަށާއި އެތަނަކީ ޝިރުކުން ޠާހިރުވެފައިވާ ތަނެއްގެ ގޮތުގައި ބޭއްވުމަށް ގޮވާލެއްވިއެވެ.
މުސްލިމުންގެ ޙާލު ރަނގަޅުކުރައްވައި، ޙައްޤު ބަހުގެ މަތީގައި ހުރިހާ މުސްލިމުން އެއްބައިވަންތަކުރެއްވުން އެދިވަޑައިގެން ޝައިޚް ދުޢާކުރެއްވިއެވެ. ޙައްޖަކީ މުސްލިމުންގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިވާ ކަމެއް ކަމުގައި ހެދުމަށް އެދިވަޑައިގަންނަވަމުން، އިސްލާމީ އުންމަތުގެ އެންމެން އެކަކު އަނެކަކަށް ހެޔޮކަން ފޯރުވައި، ޢަރަފާތު ދުވަހުގެ ދަރުަމައާއި ސަވާބު ލިބޭތޯ މަސައްކަތްކުރުމަށް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ނަމްރާ މިސްކިތުގައި ޝައިޚް އަލްޙުޛައިފީ ޚުޠުބާ ދެއްވިއިރު، ފަތިހުން ފެށިގެން ގިނަ ޢަދަދެއްގެ ޙައްޖުވެރިން ވަނީ ޢަރަފާތުގެ މާތް ބިމަށް ޖަމާވެފައެވެ. ޚުޠުބާއަށްފަހު، ޙައްޖުވެރިން ވަނީ މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްޢުކޮށް ޤަޞްރުކޮށްފައެވެ. ޚުޠުބާ ނިންމަވާލައްވާފައިވަނީ ޙައްޖުގެ މަނާސިކުތައް ފުރިހަމަ ކުރުމުގައި ވަގުތު ހެޔޮ ގޮތުގައި ހޭދަކުރުމަށް ހަނދުމަކޮށްދެއްވަމުންނެވެ.

