ގައުމީ އެއާލައިން، މޯލްޑިވިއަންއިން ރާއްޖޭގެ އެކި މަންޒިލްތަކަށް ކުރާ ދަތުރުތައް ކުރިއަށް އޮތް ބޮޑު އީދު ބަންދާ ދިމާކޮށް އިތުރުކޮށްފިއެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް އޮތް ޑިމާންޑު އިންތިހާއަށް ބޮޑު ދުވަސްވަރަކަށް ވާތީ، އެއާލައިނުން ވަނީ ޝެޑިއުލް ދަތުރުތަކުގެ އިތުރުން ގިނަ ފްލައިޓްތަކެއް ތާވަލުކޮށްފައެވެ.
މޯލްޑިވިއަން އިން ހާމަކޮށްފައިވާ ގޮތުގައި، އަންނަ ހޮނިހިރު އަދި އާދިއްތަ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިތުރު ފްލައިޓްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ދަރަވަންދޫ، ކޫއްޑޫ، ކައްދޫ، ހަނިމާދޫ، ހޯރަފުށި އަދި އިފުރު ހިމެނެއެވެ.
މޯލްޑިވިއަން އިން ތާވަލުކޮށްފައިވާ އިތުރު ދަތުރުތަކުގެ ތެރޭގައި މެއި 30 ވާ ހޮނިހިރު ދުވަހު މާލެއާއި ދަރަވަންދޫއާ ދެމެދު ކުރާ ދަތުރުތަކުގެ އިތުރުން، މެއި 31 ވާ އާދިއްތަ ދުވަހު ކޫއްޑޫ، ކައްދޫ، ހަނިމާދޫ، ހޯރަފުށި އަދި އިފުރަށް ކުރާ ދަތުރުތައް ހިމެނެއެވެ. މީގެ ތެރޭގައި ފަތިހުގެ ވަގުތުތަކުން ފެށިގެން ރޭގަނޑުގެ ވަގުތުތަކާ ހަމައަށް ފްލައިޓްތައް ވަނީ ތާވަލުކުރެވިފައެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވި ގޮތުގައި، މި ފަހަރުގެ އީދު ބަންދުގައި މޯލްޑިވިއަން އިން ޖުމްލަ 1,227 ދަތުރު ކުރާނެއެވެ. މިއީ އާންމު މަސްމަހާ އަޅާބަލާއިރު 20 އިންސައްތައިގެ އިތުރުވުމެކެވެ.
ތަރުޖަމާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އީދު ބަންދާ ދިމާކޮށް މޯލްޑިވިއަން އިން އެކަނިވެސް 64,000 މީހުން ދަތުރުކުރާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އަދި އެހެން އެއާލައިންތަކުގެ ދަތުރުތަކާއެކު މި އަދަދު މިއަށްވުރެ ވެސް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

