ވ. އަތޮޅު އަލިމަތާ ކައިރީގައި ހިނގި ހިތާމަވެރި ޑައިވިން ހާދިސާގައި އިޓަލީގެ ފަސް މީހަކު މަރުވި ހޮހަޅައިގެ އެތެރޭގެ މަންޒަރުތައް ފެންނަ އެކްސްކްލޫސިވް ވީޑިއޯއެއް އިޓަލީގެ މީޑިއާ ޗެނަލް ޓީޖީ1 (TG1) އިން މިރޭ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ވީޑިއޯއަކީ ފިންލޭންޑްގެ ރެސްކިއު ޓީމުން މަރުވި މީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތުގެ ތެރެއިން ކެމެރާކޮށްފައިވާ މަންޒަރުތަކެކެވެ.
ރެސްކިއު ޑައިވަރުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ޗާޓުތަކުގައި ފާހަގަކޮށްފައި ނުވާ، ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ނުރައްކާތެރި ހޮހަޅައެއްގެ ތެރޭގައެވެ. މި ހޮހަޅަ ރަނގަޅަށް މެޕްކޮށް، ކުރިމަގުގައި މިފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށްޓަކައި ރެސްކިއު ޓީމުން އަލުން ރާއްޖެ އައުމަށް ވަނީ ނިންމާފައެވެ.
މި ހާދިސާގައި މަރުވެފައިވަނީ އިޓަލީގެ ޕްރޮފެސަރަކާއި އޭނާގެ ދަރިފުޅުގެ އިތުރުން ރިސާޗަރަކާއި، އިތުރު ޑައިވަރަކާއި ސަފާރީގެ އިންސްޓްރަކްޓަރެކެވެ. މި މަރުތަކާ ގުޅިގެން އިޓަލީގެ ޕްރޮސެކިއުޓާސް އޮފީހުން ދަނީ އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބަލައި ތަހުގީގު ކުރަމުންނެވެ.
މަރުވި މީހުންގެ އޮޓޮޕްސީ ރިޕޯޓުތަކުން މަރުވާން ދިމާވި ސީދާ ސަބަބެއް އަދި ކަށަވަރު ނުވާތީ، އިތުރު ތަހުލީލުތަކުގެ ނަތީޖާއަށް މިހާރު ދަނީ އިންތިޒާރު ކުރަމުންނެވެ. އަދި މަރުވި މީހުންގެ ޖަނާޒާގެ ކަންކަން މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ

