ސާކުގައި ހިމެނޭ އަވައްޓެރި ނޭޕާލާއި ރާއްޖޭގެ މެދުގައި އޮތް އެކުވެރި ގުޅުމަކީ އަބަދުވެސް ރާއްޖެއިން އަގުވަޒަންކުރާ ގުޅުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.f
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ނޭޕާލުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ޝާއިއުކުރެއްވި ތަހުނިޔާގެ މެސެޖެއްގައެވެ. އެމަނިކުފާނު ވަނީ އެ ގައުމުގެ ޖުމްހޫރީ ދުވަހާ ގުޅިގެން ނޭޕާލުގެ ރައީސް ރިޓަޔަޑް އޮނަރަބަލް ރަމްޗަންދްރަ ޕޯޑެލްއާއި، އެ ގައުމުގެ ބޮޑުވަޒީރު ބަލެންދްރަ ޝާހް އަދި ނޭޕާލު ސަރުކާރާއި ރައްޔިތުންނަށް މުބާރަކުބާދީ އަރިސްކުރައްވައި ތަހުނިޔާ ވިދާޅުވެފައެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ނޭޕާލުގެ ޖުމްހޫރީ ދުވަހަކީ ކުރިއަރަމުންދާ ގައުމެއް ބިނާކުރުމަށް ނޭޕާލު ރައްޔިތުން ކުރި އަގުނުކުރެވޭ މަސައްކަތްތައް ފާހަގަކުރަންޖެހޭ ތާރީހީ ދުވަހެކެވެ. އަދި ނޭޕާލަކީ މުޅިން ތަފާތު އަމިއްލަ ގައުމީ ޝަހުސިއްޔަތެއް ލިބިގެންވާ، ޝަރަފުވެރި މުއްސަނދި ސަގާފަތަކާއި އާދަކާދަތަކެއް ލިބިފައިވާ ގައުމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއާއި ނޭޕާލުގެ މެދުގައި އޮތް އުލްފަވެރި ގުޅުމަކީ އަބަދުވެސް ރާއްޖެއިން ފުންކޮށް އަގުވަޒަންކުރާ ގުޅުމެއް ކަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ ކުރިއެރުމަށްޓަކައި ދެގައުމަށް ފައިދާވަނިވި މަސްލަހަތުތައް ކުރިއަށްނެރެ އެކުގައި މަސައްކަތްކުރުމަށް ރާއްޖެއިން އަބަދުވެސް އިސްކަންދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއާއި ނޭޕާލުގެ މެދުގައި އޮތް ބަދަހި ގުޅުން އެގޮތުގައި ދަމަހައްޓަމުންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، ދެ ގައުމަށް ފައިދާވާ އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ އެކި ދާއިރާތަކުގައި، ހާއްސަކޮށް ހިދުމަތުގެ ދާއިރާގައި ގިނަ އަދަދެއްގެ ނޭޕާލު ރައްޔިތުން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ނޭޕާލަކީ މެޑިކަލް ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ގިނަ އަދަދެއްގެ ދިވެހިންދާ ގައުމަކަށްވާއިރު، ދިވެހި ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ގައުމަކީވެސް ނޭޕާލެވެ.

