އިބޯލާ ބަލި ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޑިއާއަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން ސެލްފް ޑެކްލަރޭޝަން ފޯމު (އެސްޑީއެފް) ހުށަހަޅަން ޖެހޭ ގޮތަށް އެ ގައުމުގެ ޑައިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ހަމަޖައްސައިފިއެވެ. މި ފިޔަވަޅަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިބޯލާ ބައްޔަކީ ބައިނަލްއަގުވާމީ ފެންވަރުގައި އާންމު ސިއްހަތަށް އޮތް ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން އެޅި ފިޔަވަޅެކެވެ.
އިންޑިއާގެ މި ނިންމުމާ ގުޅިގެން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވަނީ އިންޑިއާއަށް ދަތުރުކުރާ ފަސިންޖަރުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މޯލްޑިވިއަން އިން ބުނި ގޮތުގައި، ދަތުރުވެރިން އަމިއްލައަށް ސިއްހީ ހާލަތު ބަޔާންކުރާ މި ފޯމު އެ އެއާލައިންގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ. މި ފޯމު ފުރުމަށްފަހު ހުށަހަޅަން ޖެހޭނީ އިންޑިއާއަށް އެތެރެވުމަށްފަހު އެ ގައުމުގެ ހެލްތު އެންޑް އިމިގްރޭޝަން ކައުންޓަރަށެވެ.
އިންޑިއާގައި މިހާތަނަށް ބައެއް މީހުންގެ ގައިން އިބޯލާގެ އަލާމާތްތައް ފެނިގެން ޓެސްޓުކޮށްފައިވާއިރު، މިހާތަނަށް ނަތީޖާ ލިބުނު އެންމެން ވެސް ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ. ނަމަވެސް، އިތުރަށް ރައްކާތެރިވުމުގެ ގޮތުން އެ މީހުން ކަރަންޓީނުގައި ބައިތިއްބަން އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ. މި ފިޔަވަޅުތަކުގެ ބޭނުމަކީ ބަލި ފެތުރުން ހުއްޓުވުމާއި ދަތުރުވެރިންގެ ސިއްހީ ހާލަތު ގާތުން މޮނިޓާ ކުރުމެވެ.
ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވިދާޅުވި ގޮތުގައި، މި ބަލި ރާއްޖެއަށް އައުމުގެ ފުރުސަތު އޮތީ ވަރަށް ކުޑަ މިންވަރަކަށެވެ. އެހެންނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަލި ފެތުރެމުންދާ ސަރަހައްދުތަކަށް ދަތުރު ނުކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. ޑަބްލިއުއެޗްއޯ އާއި ގުޅިގެން ބަލީގެ ހާލަތު ދަނީ މޮނިޓާ ކުރަމުންނެވެ.

