މުދަލަކީ މާތް ﷲ އަޅުތަކުންނަށް ދެއްވާފައިވާ ބޮޑު ނިޢުމަތެއް ކަމަށާއި، އެއީ އަހަރެމެން އިމްތިހާނު ކުރެއްވުމަށްޓަކައި ޙަވާލުކުރައްވާފައިވާ އަމާނާތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. “ހޭދަކުރުމުގައި އިޤުތިޞާދުކުރުން” މި މައުޟޫޢަށް ޚާއްޞަކޮށްގެން ދިން ޚުތުބާގައި ބުނީ، މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ މާތް ﷲ ކަމަށާއި، އެ މުދާ ހޯދުމާއި ހޭދަކުރުމުގައި އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކަށް ތަބާވާންޖެހޭނެ ކަމަށެވެ.
މުދާ ހޯދުމުގައި އަމާނާތަށް ޚިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަންކުރުމާއި، ރިޝްވަތު ހިފުމާއި، މަކަރާއި ޙީލަތް ހެދުމުގެ އިތުރުން ރިބާގެ މުޢާމަލާތްތަކާއި ޖުވާކުޅުން ފަދަ ކަންކަމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަންކަން ކަމަށް ޚުތުބާގައި ހަނދުމަކޮށްދިނެވެ. ހަމައެފަދައިން، މުދާ ލިބުމަށްފަހު އެއަށް ގެއްލުންދިނުމާއި، އިސްރާފުކުރުމާއި، އެއްވެސް ބޭނުމެއް ނުކޮށް ބޭކާރުވެދިޔަ ދިނުމަކީ ހުއްދަ ކަންކަމެއް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ އިސްރާފުކުރުމަކީ ހުއްދަ ކަންކަމުގައިވެސް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ހޭދަކުރުން ކަމަށެވެ. “އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެއެވެ.” މިއީ މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްކަން ފާހަގަކުރަމުން، ބޭނުންވާ މިންވަރަށްވުރެ އިތުރަށް ތަކެތި ގަތުމުގެ ސަބަބުން މުއްދަތު ހަމަވެގެން އުކާލަންޖެހޭ މައްސަލައަށް ޚުތުބާގައި އަލިއަޅުވާލިއެވެ. އަދި ނަހަމަ ގޮތުގައި މުދާ ހޭދަކުރާ މީހުންނަށް ޤިޔާމަތް ދުވަހުން އޮތީ ނަރަކަ ކަމުގެ އިންޒާރު ރަސޫލާ ﷺ ދެއްވާފައިވާކަންވެސް ހަނދުމަކޮށްދިނެވެ.
ދިރިއުޅުމުގެ ކަންކަމާއި އާއިލީ ޚަރަދުތައް ބެލެހެއްޓުމުގައި އިޤްތިޞާދުކުރުމުގެ ވިސްނުން ގެންގުޅުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ. މާލީ ދަތިތަކާ ކުރިމަތިވާ މައިގަނޑު ސަބަބަކީ އަތްނުފޯރާ ފަށުގެ އަގުބޮޑު ދިރިއުޅުމެއް އުޅުމާއި، ތިމާގެ ތަނަވަސްކަން ހުރި މިންވަރަށްވުރެ އިތުރަށް ހޭދަކުރުން ކަމަށް ޚުތުބާގައި ބުންޏެވެ. އެހެންކަމުން، ލިބޭ ހުރިހާ އެއްޗެއް ހޭދަކޮށް ހުސްނުކޮށް، އޭގެ ތެރެއިން މިންވަރެއް މުސްތަޤުބަލަށްޓަކައި ރައްކާކުރުމަށް އިލްތިމާސްކުރިއެވެ.
މުދަލަކީ އަމާނާތަކަށް ވާތީ، މާތް ﷲ ވަނީ އެ މުދަލުގައި އެހެން މީހުންގެ ޙައްޤުތައްވެސް ލައްވާފައިވާކަން ޚުތުބާގައި ހަނދުމަކޮށްދިނެވެ. އެގޮތުން އަނބިދަރިންނާއި، ގާތްތިމާގެ މީހުންނާއި، ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތައް އެ މުދަލުގައިވާ ކަމަށާއި، އެ މީހުން އެ ޙައްޤުތަކުން މަޙްރޫމް ނުކުރުމަށް ގޮވާލިއެވެ. އަދި ދުނިޔޭގައި ދެއްވި ނިޢުމަތްތަކާ މެދު ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެކަން ހަނދާންކޮށް، އަމަލުތައް އިޞްލާޙުކުރުމަށް މިއަދުގެ ޚުތުބާގައި ބާރުއެޅިއެވެ.

