ދުނިޔޭގެ މަޝްހޫރު ފޯބްސް މަޖައްލާއިން ކޮންމެ އަހަރަކު ނެރޭ 30 އަންޑާ 30 އޭޝިއާ ލިސްޓުގައި ދިވެހި އާޓިސްޓް އަދި ވިޔަފާރިވެރިޔާ ރާޔާ މަންސޫރު ހިމެނިއްޖެއެވެ. ރާޔާ މި ލިސްޓުގައި ހިމެނިފައިވަނީ އޭނާގެ ފަންނުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ހޯދަމުންދާ ބޮޑެތި ކާމިޔާބީތަކާ ގުޅިގެންނެވެ.
ރާޔާއަކީ ރާއްޖޭގެ މަގުބޫލު ލައިފްސްޓައިލް ބްރޭންޑެއް ކަމަށްވާ އޮއިވާލި އާޓް ޝޮޕްގެ ކޯ-ފައުންޑަރެވެ. އޭނާގެ ދައްތަ ރާނިޔާ މަންސޫރާއެކު 2015 ވަނަ އަހަރު އުފެއްދި މި ބްރޭންޑަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުއަޑީގެ ދިރުންތަކުން އިންސްޕަޔަރ ވެގެން ތައްޔާރުކުރާ ގަހަނާ، އެކްސަސަރީޒް އަދި ސްޓޭޝަނަރީއަށް ހާއްސަ ބްރޭންޑެކެވެ. މި ވިޔަފާރި މިހާރު ވަނީ މާލޭގެ އިތުރުން ސިންގަޕޫރުގައި ވެސް ފިހާރައެއް ހުޅުވައި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފުޅާވެފައެވެ.
މި ބްރޭންޑުގެ އުފެއްދުންތައް އޮންލައިންކޮށް ވެސް ވިއްކަމުންދާއިރު، ކަސްޓަމަރުންގެ ތެރޭގައި ޗައިނާ، މެލޭޝިއާ، އިޓަލީ އަދި ފްރާންސް ފަދަ ދުރު ގައުމުތަކުގެ މީހުން ހިމެނެއެވެ. މިއީ ދިވެހި އުފެއްދުންތަކެއް ބައިނަލްއަގުވާމީ ބާޒާރުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުންދާ ކަމުގެ ހެއްކެކެވެ.
އަމިއްލައަށް ކުރަހަން ދަސްކޮށްފައިވާ ހުނަރުވެރި އާޓިސްޓެއް ކަމަށްވާ ރާޔާގެ ކުރެހުންތައް ދާދި ފަހުން ޖަރުމަނުގެ ބާލިންގައި ހުންނަ ގެލެރީއާ އަޒޫރުގައި ބޭއްވި ބައިނަލްއަގުވާމީ މައުރަޒެއްގައި ވަނީ ދައްކާލައިފައެވެ. އޭނާގެ ކުރެހުންތަކުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ އެކްރިލިކްސް އަދި އޮއިލް ޕެއިންޓެވެ. ރާޔާގެ މަސައްކަތްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓީއެމްއޭ ވީއައިޕީ ލައުންޖް ފަދަ މުހިންމު ތަންތަނުގައި ވެސް ވަނީ ދައްކާލައިފައެވެ.
މިއީ ފޯބްސްގެ 30 އަންޑާ 30 ލިސްޓުގައި ދިވެއްސަކު ހިމެނުނު ތިންވަނަ ފަހަރެވެ. މީގެ ކުރިން 2017 ވަނަ އަހަރު ސަފާތު އަހްމަދު ޒާހިރު އަދި 2020 ވަނަ އަހަރު މުހައްމަދު އަފްޒަލް ވަނީ މި ލިސްޓުގައި ހިމެނިފައެވެ. ރާޔާގެ މި ކާމިޔާބީއަކީ ދިވެހި ޒުވާން ފަންނުވެރިންނަށް ލިބުނު ބޮޑު ފަހުރެކެވެ.

