މިއަހަރުގެ ޙައްޖު މޫސުން ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު އަމީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މަރުހަބާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވަނީ ޙައްޖުވެރިންނަށް ޚިދުމަތްކުރުމުގައި ސައުދީ އަރަބިއްޔާގެ ޙައްޖާއި ޢުމްރާއާ ބެހޭ ވުޒާރާއާއި، ދާޚިލީ ވުޒާރާގެ އިތުރުން ސައުދީގެ މުޅި ސަރުކާރާއި މުއައްސަސާތަކުން ކުރެއްވި މަސައްކަތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ޙައްޖުގެ ފުރިހަމަ އިންތިޒާމުތަކާއި ލިބުނު ބޮޑު ކާމިޔާބީން ރަމްޒުކޮށްދެނީ، ޙައްޖުވެރިންނަށް އެންމެ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސައުދީ ސަރުކާރުން ގެންގުޅޭ ދުރުވިސްނުމާއި ބަހައްޓާ ހާއްސަ އަހައްމިއްޔަތުކަން ކަމަށެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާއަށް އަބަދުމެ އަމާންކަމާއި، ހަމަޖެހުމާއި ފާގަތިކަން ދެއްވައި، ޙައްޖުވެރިންގެ ޙައްޖާއި އެންމެހައި މުސްލިމުންގެ ހެޔޮ އަމަލުތައް ޤަބޫލުކުރެއްވުން އެދި ވަޒީރު ވަނީ ދުއާ ދަންނަވާފައެވެ.
މިއަހަރު ރާއްޖެއިން ޖުމްލަ 1000 މީހުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވެއެވެ. މި ޙައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކޮށްފައިވަނީ “މައްކާ ރޫޓު އިނީޝިއޭޓިވް” ގެ ދަށުންނެވެ.
މި އިންތިޒާމުގެ ދަށުން ދިވެހިރާއްޖެއިން ފުރުމުގެ ކުރިން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ އެންމެހާ ކަންކަން ވަނީ ފުރިހަމަކޮށްފައެވެ. މިއީ ޙައްޖުވެރިން ސައުދީއަށް އެތެރެވުމުގައި ދިމާވާ ތަރުތީބުތައް އަވަސްކޮށްދީ، ފަސޭހަކޮށްދިނުމަށް ކުރިއަށްގެންދާ ހާއްސަ މަޝްރޫޢެކެވެ.

