ސްކައުޓް ހަރަކާތަކީ، ރާއްޖޭގެ އުތުރުން ދެކުނަށް ބަލާލިކަމުގައިވިޔަސް މި ޖަޒީރާ ރަށްތަކުގެ މެދުގައި ޖޯގުރަފީ ގޮތުން އޮންނަ ދުރުމިން ކައިރިކޮށް، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ބާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ރާއްޖޭގައި ރަސްމީކޮށް ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ހަރަކާތް ތަރައްޤީ ކުރައްވައި ކުރިއަށް ގެންދެވުމަށް މަސައްކަތްޕުޅު ކުރެއްވި އަދި މިހާރުވެސް އެ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ އެންމެހައި ބޭފުޅުންގެ އަގު ވަޒަންކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. ސްކައުޓް ހަރަކާތަކީ ނަފްސު އިސްލާހުކުރުމާއި، ރިވެތި އަޚްލާޤުގެ ބިންގަލުގެ މަތީގައި އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޒިންމާދާރު ޖީލެއް ބިނާކުރާ ޢަމަލީ ތަރުބިއްޔަތުގެAމައިދާނެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސްކައުޓް ހަރަކާތަކީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ލާމަސީލު ނަމޫނާއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޤައުމަށް ދިމާވި ކޮންމެ ބޮޑު ކާރިސާއެއްގައި، ޚާއްޞަކޮށް 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައިވެސް ސްކައުޓުން ވަނީ އެއްވެސް ޖެހިލުމެއްނެތި ޤައުމީ ޚިދުމަތުގައި ސާބިތުވެ ތިބެފައިވާކަން ސާބިތުކޮށްދީފައެވެ. ސްކައުޓުންގެ ހިތްތަކުގައިވާ ހިލޭ ސާބަހަށް ޚިދުމަތް ކުރުމާއި، ކަންކަމުގައި އިސްނެގުމުގެ ރޫޙަކީ މުޅި މުޖުތަމަޢަށް ހުރި ނަމޫނާއެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ތަޖުރިބާ ހިއްސާކުރައްވަމުން ވިދާޅުވީ، “އަޅުގަނޑުގެވެސް ތަޢުލީމީ ހަޔާތުގައި ސްކައުޓް ހަރަކާތުން ލިބުނު ހުނަރާއި ތަޖުރިބާއަކީ، އަޅުގަނޑު އެޅި ކޮންމެ ފިޔަވަޅެއްގައި އަޅުގަނޑަށް މަގު ދައްކައިދިން ކަންކަން،” ކަމަށެވެ. ކަބް ސްކައުޓް މޮޓޯ “ޑޫ ޔުއަރ ބެސްޓް” އަދި ސްކައުޓް މޮޓޯ “ބީ ޕްރިޕެއަރޑް” އަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އަށަގެންނެވި ތަޖުރިބާތަކެއްކަން ފާހަގަކުރައްވައި، ޒުވާނުންނަށް މިފަދަ ތަޖުރިބާތަކުގެ މުހިންމުކަން އެމަނިކުފާނު ބަޔާންކޮށްދެއްވިއެވެ.
ޚިޠާބު ނިންމަވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގެ ސްކައުޓް ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް ސްކައުޓް އެސޯސިއޭޝަނުން ކުރާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ސްކައުޓް ހަރަކާތަކީ އޭގެ އަޞްލާ އެއްގޮތަށް ކުރިއަށް ގެންދެވޭ ހަރަކާތެއްކަން ކަށަވަރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

