ލ. ގަމުގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި ކަރަންޓުގައި ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު ކުޑަކުއްޖާގެ ހާލަތު ރަނގަޅުވެ، ވެންޓިލޭޓަރުން ނަގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ގަމުގައި ކުއްޖަކު ކަރަންޓުގައި ޖެހިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ އެރޭ 11:00 ގެ ފަހުންނެވެ. މި ހާދިސާ ހިނގުމާއެކު އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގަން ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، ކުއްޖާގެ ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން އިތުރު ފަރުވާއަށް ވަނީ މާލެއަށް ބަދަލުކޮށްފައެވެ.
އައިޖީއެމްއެޗުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކަރަންޓުގައި ޖެހުނު ކުއްޖާ މާލެ ގެނެސް އެންމެ ފުރަތަމަ ފަރުވާ ދިނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ. އެއަށްފަހު އައިސީޔޫގައި ބާއްވައިގެން ފަރުވާ ދިނުމަށްފަހު، ހާލަތު ރަނގަޅުވުމުން މިއަދު ވަނީ ވޯޑަށް ބަދަލުކޮށްފައި ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ އެ ރަށުގައި އީދު ކުޅިވަރު ބޭއްވުމަށް ތަނަކަށް ކަރަންޓު ދިނުމަށްޓަކައި މަގުމަތީގައި ހުރި ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެކެވެ. ކަރަންޓު ޝޮކު ޖެހުމާއެކު އެ ކުއްޖާ ހޭނެތިގެން ވެއްޓުނު ކަމަށް މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.

