ދިވެހިރާއްޖޭގައި ރަސްމީކޮށް ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ ބަރަކާތްތެރި މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި އެންމެހައި ސްކައުޓުންނަށާއި ސްކައުޓް އާއިލާއަށް ތަހުނިޔާގެ ޚިޠާބެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމުކުރެއްވި މި ޚިޠާބުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ސްކައުޓް ހަރަކާތް ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރެއްވި އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ އެންމެހައި ބޭފުޅުންގެ އަގު ވަޒަންކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި މި ހަރަކާތުގައި ޚިދުމަތް ކުރެއްވުމަށްފަހު ދުނިޔެ ދޫކުރައްވާފައިވާ ބޭފުޅުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.
ސްކައުޓް ހަރަކާތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ އެކަކު އަނެކަކަށް އަޅާލައި އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ، އަދި ނަފްސު އިސްލާހުކޮށް ޒިންމާދާރު ޖީލެއް ބިނާކުރުމުގެ މައިދާނެއް ކަމަށެވެ. ޚާއްޞަކޮށް ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ މެދުގައި އޮންނަ ދުރުމިން ކައިރިކޮށް، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ބާރަކަށް ސްކައުޓް ހަރަކާތް ވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސްކައުޓް ހަރަކާތެއްގެ ތެރެއިން – ފޮޓޯ ސްކައުޓް އެސޯސިއޭޝަން
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ސްކައުޓް ހަރަކާތަކީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ލާމަސީލު ނަމޫނާއެއް ކަމަށެވެ. އެގޮތުން 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާ ފަދަ ޤައުމަށް ދިމާވި ނުރައްކާތެރި ދަނޑިވަޅުތަކުގައި ސްކައުޓުން ދައްކުވައިދިން ހިތްވަރާއި، އިސްނެގުމާއި، ހިލޭސާބަހަށް ޚިދުމަތް ކުރުމުގެ ރޫޙަކީ މުޅި މުޖުތަމަޢަށް ހުރި ނަމޫނާއެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ އަމިއްލަ ތަޢުލީމީ ހަޔާތުގައި ސްކައުޓް ހަރަކާތުން ލިބުނު ތަޖުރިބާތައް ވެސް ހިއްސާކުރައްވާފައެވެ. ކަބް ސްކައުޓް މޮޓޯ "ޑޫ ޔުއަރ ބެސްޓް" އަދި ސްކައުޓް މޮޓޯ "ބީ ޕްރިޕެއަރޑް" އަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އެމަނިކުފާނަށް މަގުދައްކައިދިން އުސޫލުތައް ކަމަށާއި، މިފަދަ ތަރުބިއްޔަތެއްގެ ބޭނުންތެރިކަން މިއަދުގެ ޒުވާނުންނަށް ނުހަނު ބޮޑުކަމަށް ވިދާޅުވިއެވެ.

ސްކައުޓް ހަރަކާތެއްގެ ތެރެއިން – ފޮޓޯ ސްކައުޓް އެސޯސިއޭޝަން
ޚިޠާބު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ސްކައުޓް ހަރަކާތް ފުޅާކުރުމަށް ސްކައުޓް އެސޯސިއޭޝަނުން ކުރާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ދިވެހި ޒުވާނުންނަކީ ޤައުމަށް ފަޚުރުވެރި ޚިދުމަތްތެރި ދަރިންތަކެއް ކަމުގައި ލެއްވުމަށް އެދި ދުޢާ ދަންނަވާފައިވެއެވެ.

