އުމުރުން 16 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ވެރިއެއް ކަމަށްވާ މާލެ، ހމ. ޚައިރާތު، ޢަލީ އަފްލަޙްގެ މައްޗަށް ދައުވާ އުފުލައިފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ މި މައްސަލައިގެ ތަހުގީގު ނިންމައި ކޯޓަށް މައްސަލަ ހުށަހަޅާފައިވާކަން ކަށަވަރުކޮށްދީފައެވެ.
އަފްލަޙް ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، އޭނާ ވަނީ އެ ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ހަމައަށް އެކި ދުވަސްމަތިން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ ގޯނާކޮށްފައެވެ.
ޕީޖީ އޮފީހުން އަފްލަޙްގެ މައްޗަށް ޖުމްލަ ހަ ދައުވާއެއް ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- މަޙްރަމަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ 3 ދަޢުވާ: ޖިންސީ ކުށުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުންނެވެ.
- ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދަޢުވާ: ކުޑަކުންދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 123 ވަނަ މާއްދާގެ ދަށުންނެވެ.
- އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ: ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުންނެވެ.
- ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ: ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ ދަށުންނެވެ.
މި މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކަށް ވާތީ، މައްސަލައިގެ ތަފްސީލުތައް ހާމަކުރުމުގައި ކަމާބެހޭ އިދާރާތަކުން އަންނަނީ ޚާއްޞަ ސަމާލުކަމެއް ދެމުންނެވެ. މައްސަލަ މިހާރު ވަނީ ޝަރީޢަތަށް ހުށަހެޅިފައެވެ.

