ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލުމަށް ބޭނުންވާ ފޮށިތައް އަންނަ ބުދަ ދުވަހު ފޮނުވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މި އިންތިހާބަކީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ތާވަލު
ކުރެވިފައިވާ އިންތިހާބެކެވެ.
އިލެކްޝަންސް ކޮމިޝަނުން “އެމްއެމްޓީވީ”އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ވޯޓު ފޮށިތައް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. މި އިންތިހާބުގައި ޖުމްލަ 4،121 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ.
މި ބައި-އިލެކްޝަނުގައި ޖުމްލަ ހަތް ވޯޓު ފޮށްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށް ބަހައްޓާ ދެ ފޮށްޓާއި، އައްޑޫ ސިޓީގައި ބަހައްޓާ ފަސް ފޮށްޓެވެ. މާލޭގައި ވޯޓުފޮށި ބަހައްޓާނީ ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގައެވެ. އަދި އައްޑޫ ސިޓީގައި ވޯޓު ފޮށިތައް ބަހައްޓާނީ ހިތަދޫ ސްކޫލުގައެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ރާއްޖޭގެ މައި ދެ ޕާޓީގެ ކެންޑިޑޭޓުންނެވެ. ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހްމަދު ސައީދެވެ. އޭނާއަށް ލިބިވަޑައިގެންފައިވަނީ ކެންޑިޑޭޓް ނަންބަރު އެކެކެވެ. އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) އެވެ. ސާދިގަށް ލިބިވަޑައިގެންފައިވަނީ ކެންޑިޑޭޓް ނަންބަރު ދެއެކެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ ޖޫން މަހުގެ ހަ ވަނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.

