އަރިއަތޮޅު އުތުރުބުރީގައި އޮންނަ ކޮންސްޓަންސް ހަލަވެލި ރިސޯޓް ކައިރިން ދަތުރުކުރަމުންދިޔަ ސްޕީޑްބޯޓެއް ދިޔަވެ އަޑިއަށްދާކަމުގެ ރިޕޯޓް ލިބިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2026 މެއި 30 ވީ ބުރާސްފަތި ދުވަހުގެ ދަންވަރު 01:45 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ހާދިސާ ހިނގި ވަގުތު އެ ސްޕީޑްބޯޓުގައި ޖުމްލަ 20 މީހުން ތިއްބެވެ. ބޯޓު ދިޔަވާން ފެށުމާއެކު، އުޅަނދުގެ ވެރިފަރާތުން ވަނީ ވަގުތުން އެ ސަރަހައްދަށް އިތުރު ލޯންޗެއް ފޮނުވައި، ބޯޓުގައި ތިބި އެންމެން ރައްކާތެރިކަމާއެކު އެހެން އުޅަނދަކަށް ބަދަލުކޮށްފައެވެ.
އުޅަނދުގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި ސަލާމަތްކުރެވުނު 20 މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އުޅަނދުގެ ވެރިފަރާތުން ކަށަވަރުކޮށްދީފައިވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހްގީގް ކުރަމުންނެވެ.

