ކުޑަކުދިން ހެދިބޮޑުވުމުގައި އެކުދިންނަށް ލިބޭ އަރާމާއި ނިދީގެ މުހިންމުކަން ނުހަނު ބޮޑެވެ. ނަމަވެސް، މިހާރަކަށް އައިސް ރޭގަނޑު އެގާރަ ބާރަ ޖަހާއިރު، ހެދިބޮޑުވަމުން އަންނަ ދަރިން ގޮވައިގެން ޕާކުތަކާއި އެކި މައިދާންތަކުގައި މައިންބަފައިންނާއި ބެލެނިވެރިން ވަގުތު ހޭދަކުރާ މަންޒަރަކީ ފެންނަ ހިތާމަވެރި މަންޒަރެކެވެ.
ކުޑަކުދިންނަށް އަވަހަށް ނިދާފައި އަވަހަށް ހޭލަން އާދަކޮށްދިނުމަކީ އެކުދިންގެ ސިއްހަތަށާއި ތަރުބިއްޔަތަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
މިރީތި އާދަ ދަސްކޮށްދޭން ތިބި މައިންބަފައިންނާއި ބެލެނިވެރިން، ދަންވަރުގެ ވަގުތުތަކުގައި ކުދިން ގޮވައިގެން ބޭރުގައި އުޅުމަކީ އެކުދިންގެ މުސްތަގުބަލަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމެކެވެ. އަރާމުކުރަން އޮންނަ ވަގުތުގައި ކުޅުމާއި މަޖަލުގައި ވަގުތު ހޭދަކުރުމަކީ ބޮޑުވަމުން އަންނަ ކުދިންނަށް ދަސްކޮށްދޭން އެންމެ އެދެވޭ އާދައެއް ނޫނެވެ. މީގެ ސަބަބުން ކުދިންގެ އަހުލާގަށާއި، ދިރިއުޅުމުގެ ތަރުތީބަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.
ހެދިބޮޑުވަމުން އަންނަ ކުދިންނަށް ކުޅިވަރާއި ހެލިފެލިވެ އުޅުން މުހިންމެވެ. ނަމަވެސް މިކަންކަން ކުރަންވާނީ އެކަމަށް ކަނޑައެޅިފައިވާ ވަގުތުގައެވެ. ކެއުންބުއިމާއި ކިޔެވުމަށް ވަގުތުތަކެއް ކަނޑައެޅިފައި އޮންނަ ފަދައިން، ނިދުމަށްޓަކައިވެސް ވަގުތުތަކެއް ކަނޑައަޅަންޖެހެއެވެ. ކުޅޭނީ ކުޅެން އޮންނަ ވަގުތުގައެވެ. އަދި ނިދަންޖެހޭ ވަގުތު ޖެހުމުން އެކުދިން ނިންދެވުމަކީ ބެލެނިވެރިންގެ ބޮލުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެކެވެ. މިގޮތަށް ކަންކަން ތަރުތީބުކުރުމުން ކުދިންގެ ސިއްހަތު ރަނގަޅުވެ، ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.

