ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ބޭނުންކުރަމުންދާ ޑޭޝް8 މަރުކާގެ ބޯޓުތައް އައުކުރުމުގެ މަޝްރޫޢުގެ ދަށުން، އިތުރު ދެ އޭޓީއާރު (ATR) މަތިންދާ ބޯޓު ގެނައުމަށް އޯޑަރު ދީފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވެއްޖެއެވެ. އިޔާސް މިކަން ހާމަކުރެއްވީ ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
މޯލްޑިވިއަންގެ ފްލީޓް ޒަމާނީ ކުރުމަށް 2022 ވަނަ އަހަރު ފެށި މި މަޝްރޫޢުގެ ދަށުން އަލަށް އޯޑަރު ދިން ދެ ބޯޓުގެ ތެރެއިން އެއް ބޯޓު މިއަހަރުގެ ފަހުކޮޅު ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ ބޯޓު އަންނަ އަހަރުގެ ފަހުކޮޅު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މީގެ ސަބަބުން މިހާރު ބޭނުންކުރާ ޑޭޝް8 ބޯޓުތައް ފޭސް-އައުޓް ކުރުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އިޔާސް ފާހަގަކުރެއްވިއެވެ.
މިހާރު ބޭނުންކުރަމުންދާ ޑޭޝް8 ބޯޓުތަކާ ގުޅޭގޮތުން އިޔާސް ވިދާޅުވީ، “އަޅުގަނޑުމެން މިހާރު މި ބޭނުންކުރަމުންދާ ޑޭޝް 8 ބޯޓުތަކަކީ، މިއީ ވަރަށް އޭޖް ވެފަ ހުރި ބޯޓުތަކެއް. އެހެންމެ މިހާރު އަޅުގަނޑުމެން މި ބޭނުންކުރަމުންދާ ބޯޓުގެ އޭޖް މިވަނީ 25 އަހަރަށްވުރެ މައްޗަށް ގޮސްފައި.” މި މަރުކާގެ ބޯޓުތައް އުފެއްދުން 2010 ވަނަ އަހަރު ހުއްޓާލާފައިވުމުން، އެ ތަކެތި މަރާމާތުކޮށް ބެލެހެއްޓުމަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވިއަނުން މިހާރުވެސް އޭޓީއާރުގެ 5 ބޯޓު އޮޕަރޭޝަންތަކުގައި ބޭނުންކުރަމުންދާއިރު، އެންމެ ފަހުން ގެނައި ބޯޓަކީ ކުންފުނީގެ ތާރީޚުގައިވެސް ގެނައި ފުރަތަމަ “ބްރޭންޑް ނިއު” ނުވަތަ މުޅިން އައު ބޯޓުކަން އިޔާސް ފާހަގަކުރެއްވިއެވެ. މީގެ ކުރިން އަބަދުވެސް ގެންނަނީ ބޭނުންކޮށްފައިވާ ބޯޓުތަކެވެ.
މިހާރު މޯލްޑިވިއަންގެ ފްލީޓުގައި ޖުމްލަ 27 މަތިންދާ ބޯޓު އެބައޮތެވެ. އޭގެ ތެރޭގައި އެއަރބަސް އޭ330 ގެ އެއް ބޯޓާއި، އޭ320 ގެ އެއް ބޯޓުގެ އިތުރުން، 5 އޭޓީއާރު ބޯޓާއި، 9 ޑޭޝް8 ބޯޓު އަދި 11 ޓްވިންއޮޓާ ބޯޓު ހިމެނެއެވެ.
ސަރުކާރުގެ އަމާޒަކީ ޤައުމީ އެއަރލައިންގެ ޚިދުމަތް ބައިނަލްއަޤްވާމީ މަންޒިލްތަކަށް ފުޅާކުރުމެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މިއަހަރުގެ ފަހުކޮޅު އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް ގެނައުމުގެ މަސައްކަތްވެސް އައިލެންޑް އޭވިއޭޝަނުން ދަނީ ކުރަމުންނެވެ.

