ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލު ހިމާޔަތްކުރުމުގެ އަޒުމް އައުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ޕޯސްޓުގައި ވިދާޅުވީ، ދުންފަތުގެ ބާވަތްތަކާއި ނިކޮޓިންގެ ވަބާއިން ސަލާމަތްވުމުގެ ހައްގު ކޮންމެ ޒުވާނަކަށްވެސް ލިބިގެންވާ ކަމަށެވެ. އަދި އަންނަން އޮތް ޖީލުތައް މި ނުރައްކާތެރި ވަބާއިން ރައްކާތެރިކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އައުކުރުމަކީ މިއަދު ކުރަންޖެހިފައިވާ މުހިއްމު ކަމެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅުއްވަމުންދާ މުހިއްމު ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން، ހޭލުންތެރިކަން އިތުރުކުރުމާއި ތަޢުލީމުގެ ޒަރީއާއިން މިކަމަށް ހައްލު ހޯދުމުގެ މުހިއްމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. “އެކުގައި ކުރެވޭ މަސައްކަތުން ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް މަސައްކަތްކުރަންޖެހޭ” ކަމަށްވެސް ފަސްޓް ލޭޑީ ވިދާޅުވިއެވެ.
ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 31 ވަނަ ދުވަސް ފާހަގަކުރާއިރު، އެކަމަނާ ވަނީ ދުންފަތާ ދެކޮޅަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމަށް އެންމެހައި ރައްޔިތުންނަށް ގޮވާލައްވާފައެވެ.

