އަވައްޓެރި ގައުމުތަކާއި ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމުތަކުގައި މީސްލްސް ނުވަތަ ހިމަބިހި ފެތުރޭ މިންވަރު އިތުރުވެ، ބަލީގެ ނުރައްކާ ބޮޑުވެފައިވާކަމަށް ސިއްހީ މާހިރުން ހާމަކުރައްވައިފިއެވެ. ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރެވި، ގިނަ ބަޔަކު ބަލީގެ ނުރައްކާތެރި ހާލަތަކަށް ނުދަނީ ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ކާމިޔާބީގެ ސަބަބުންކަން ސިއްހީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވައެވެ.
ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވިދާޅުވީ، މީސްލްސްއަށް ޕޮޒިޓިވްވާ މީހުން ފެނުނު ނަމަވެސް، ހޮސްޕިޓަލުތައް ތޮއްޖެހޭ މިންވަރަށް ބަލި މީހުން އިތުރުނުވަނީ ރާއްޖޭގެ ވެކްސިން ކަވަރޭޖް ރަނގަޅުވުމުން ކަމަށެވެ. “އަވައްޓެރި ގައުމުތަކުގައި މި ބަލީގައި 400 އެއްހާ މީހުން މަރުވެފައިވާކަމުގެ ރިޕޯޓުތައް ލިބޭ. މި ބަލީގެ ނުރައްކާ ބޮޑުވަނީ ނިއުމޯނިއާއަށް ބަދަލުވެ ނުވަތަ ލޮލުގެ ފެނުމަށް އަސަރުކުރުމުން. އަޅުގަނޑުމެންގެ އަމާޒަކީ އެ ހާލަތަށް ދިޔަ ނުދިނުން،” ހަމްޒަތު ވިދާޅުވިއެވެ.
ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ޖަރާސީމީ ބައްޔެކެވެ. ބަލިޖެހިފައިވާ މީހަކު ބަންދު ތަނެއްގައި ކެއްސާ ކިނބިހި އެޅުމުން ބޭރުވާ ޖަރާސީމު، އެ ތަނެއްގެ ވައިގެ ތެރޭގައި ދެ ގަޑިއިރު ވަންދެން ހުރެއެވެ. އާންމު ހުމުގެ އަލާމާތްތަކާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުމަކީ މި ބަލީގެ މައިގަނޑު އަލާމާތެވެ. ބަލީގެ އަލާމާތް ފެންނަން ފަށާ ފުރަތަމަ 4 ދުވަހާއި އޭގެ ފަހުގެ 4 ދުވަހަކީ އެހެން މީހުންގެ ގަޔަށް ބަލި އެރުމުގެ ފުރުސަތު އެންމެ ބޮޑު މުއްދަތެވެ.
މި ބަލީގެ ނުރައްކާ އެންމެ ބޮޑީ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށާއި ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކަށެވެ. އެހެންކަމުން، މީސްލްސްގެ ދެ ޑޯޒު ފުރިހަމަކޮށްފައި ނުވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ހާއްސަކޮށް މާލެ ސަރަހައްދުން މިހާތަނަށް ފެނުނު 9 ކޭސްއާ ބައްދަލުވި ފަރާތްތަކުން ވެކްސިން ޖެހުމަށް ސަމާލުކަން ދޭންޖެހެއެވެ.
މިދުވަސްވަރު ރާއްޖޭގައި އިންފްލުއެންޒާ، ޑެންގީ އަދި ފާނަބަސަންދު ފަދަ ބަލިތައްވެސް އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ގޮތުން މާސްކު އެޅުމާއި، ގިނަގިނައިން އަތްދޮވުމާއި، ސެނިޓައިޒާ ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. ހާއްސަކޮށް ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ މާސްކު އެޅުމަކީ އަނެކުން ބަލިން ރައްކާތެރިކުރުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅެވެ.

