ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ސެސޭޝަން ކްލިނިކްތަކުގެ އެހީތެރިކަމާއެކު، ނިމިދިޔަ 2025 ވަނަ އަހަރު 225 މީހަކު އެ އާދަ މުޅިން ހުއްޓާލާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ދުންފަތުގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކުރިއެރުމެކެވެ.
ވޭތުވެދިޔަ އަހަރުގެ ތެރޭގައި ސެސޭޝަން ކްލިނިކްތަކުން ޖުމްލަ 1،045 މީހަކު ވަނީ ފަރުވާ ހޯދާފައެވެ. މީގެ ތެރޭގައި ހިމެނެނީ 982 ފިރިހެނުންނާއި 63 އަންހެނުންނެވެ. ފަރުވާ ހޯދި މީހުންގެ ތެރެއިން 580 އަށްވުރެ ގިނަ މީހުންނަކީ މާލެ ސަރަހައްދުން ހިދުމަތް ހޯދި ފަރާތްތަކެވެ. ދުންފަތް ހުއްޓާލި މީހުންގެ ތަފްސީލަށް ބަލާއިރު، މާލެ ސަރަހައްދުން 187 މީހަކު އަދި އަތޮޅުތަކުން 68 މީހަކު ވަނީ މި ވަބާއާ ދުރަށް ޖެހިފައެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ދެވޭ ފަރުވާ ބިނާކޮށްފައިވަނީ “ނޭޝަނަލް ޓޮބޭކޯ ސެސޭޝަން ޓޫލް ކިޓް” އަށެވެ. މި ފަރުވާގެ ތެރޭގައި ދުންފަތަށް ދެވިހިފާފައިވާ މިންވަރު ދެނެގަތުމަށް ހަދާ އެސެސްމަންޓްތަކާއި، ކައުންސިލިން ދިނުމާއި، ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީގެ އިތުރުން ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނައުމަށް އެހީތެރިވުން ހިމެނެއެވެ. މާލެ ސަރަހައްދުގައި މި ހިދުމަތް އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ދަމަނަވެށި އަދި އޭޑީކޭ ހޮސްޕިޓަލުން ލިބެން ހުރިއިރު، އަތޮޅުތަކުގެ ހުރިހާ ސިއްހީ މަރުކަޒުތަކަކުން ވެސް ޕަބްލިކް ހެލްތުގެ ދަށުން މި ހިދުމަތް މިހާރު ލިބޭނެއެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ އެންމެ ހަގު އުމުރަކީ 8 އަހަރު ކަމަށް ދިރާސާތަކުން ދައްކާއިރު، މިއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. ދުންފަތް ހުއްޓާލި ފަރާތްތަކުގެ އެންމެ ބޮޑު އިލްތިމާސަކީ، މިހާތަނަށް މި އާދަ ނެތް ފަރާތްތަކުން މި ނުރައްކާތެރި ވަބާގައި ނުޖެހި ސަލާމަތްވެ ތިބުމެވެ. ސަރުކާރުން މިހާރު ވަނީ ދުންފަތާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

