މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މައި ބަނދަރުގައި ފުލް ކޮންޓެއިނަރ ސްކޭނަރެއް ބޭނުންކުރަން ފަށާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
މި ނިޒާމު ގާއިމުކުރުމަށް އެމްޕީއެލް އާއި ކަސްޓަމްސް ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށްޓަކައި އިންޓެލިޖެންސް އެނަލިސިސްގެ އެހީގައި ޤަވާއިދާ ޚިލާފު ތަކެތި އަތުލައިގަންނަ މިންވަރު އިތުރުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ވޭޕް ފަދަ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ކޮންޓެއިނަރ ސްކޭނަރުގެ ސަބަބުން މިފަދަ ތަކެތި ދެނެގަތުން އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، މިކަމާ ގުޅުންހުރި ހުރިހާ އިދާރާތަކެއް އެއް ވުޒާރާއެއްގެ ދަށަށް ގެނައުން ހިމެނެއެވެ. މީގެ އިތުރުން، ވައިގެމަގުން އެތެރެކުރާ ހުރިހާ ޕެކޭޖުތަކެއް ސްކޭން ކުރަން ފެށުމާއި، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި 1،294 ކިލޯގްރާމުގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަންވެސް ދާޚިލީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

