ވ. އަތޮޅު ދެކުނު ކަނޑުގެ ހޮހަޅައެއްގެ ތެރޭގައި ޑައިވް ކުރަން އުޅުމުގެ ތެރޭގައި މަރުވި އިޓަލީވިލާތުގެ ފަސް ޑައިވަރުންގެ ތެރޭގައި ހިމެނޭ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލްގެ ޖަނާޒާ އިއްޔެ އިޓަލީގައި ބާއްވައިފިއެވެ.
އުމުރުން 51 އަހަރުގެ މޮނިކާ އާއި އޭނާގެ ދަރިފުޅުގެ ޖަނާޒާ ބާއްވާފައިވަނީ އިޓަލީގެ ޖެނޯއާގެ ސަން ފްރެންޗެސްކޯ ޑި ޕެގްލީ ފައްޅީގައެވެ. މި ޖަނާޒާގައި 2،000 އެއްހާ މީހުން ބައިވެރިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމަށްޓަކައި ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) ޔޫރަޕުން އިސްނަގައިގެން ބައިނަލްއަގުވާމީ ސާޗް އެންޑް ރިކަވަރީ މިޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މެއި މަހުގެ 18 އިން 21 އަށް ކުރިއަށްދިޔަ މި އޮޕަރޭޝަނަށްފަހު، މަރުވި މީހުންގެ ހަށިތައް ވަނީ ފެނިފައެވެ.
މަރުވި މޮނިކާގެ ފިރިމީހާ ކާލޯ ސޮމަކަލް ބުނި ގޮތުގައި، މޮނިކާ އަކީ ކަނޑުއަޑީގެ ދިރާސާތައް ކުރުމުގައި އާދަޔާ ހިލާފު ތަޖުރިބާކާރެކެވެ. އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2003 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ ރާއްޖޭގެ ކަނޑުތަކުގެ 210 ފޫޓާއި 270 ފޫޓާ ދެމެދުގެ ފުން ސަރަހައްދުތަކުން ސާމްޕަލް ނަގައިގެން ގިނަ ތަހުލީލުތަކެއްކޮށް، ބައިނަލްއަގުވާމީ މަޖައްލާތަކުގައި ޝާއިއުކޮށްފައެވެ. މިއީ މި ހާދިސާ ހިނގި އަލިމަތާ ހޮހަޅައަށް ވުރެ ވެސް ފުން ސަރަހައްދުތަކެކެވެ.
މޮނިކާ ވަނީ 2006 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކަނޑުތަކާ ގުޅޭ 34 ދިރާސާއެއް ކޮށްފައެވެ. ނަމަވެސް، މިހާ ބޮޑު ތަޖުރިބާކާރަކަށް މިފަދަ ނުރައްކާތެރި ހާދިސާއެއް ދިމާވުމުން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ވަކިން ހާއްސަކޮށް، އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް ނާޅާ އެހާ ފުން ސަރަހައްދަކަށް ދިޔަ ސަބަބާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެއެވެ.
އިޓަލީގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މަރުވި ފަސް މީހުންގެ ތެރެއިން މޮނިކާ އާއި މުރިއަލް އަދި ފެޑެރިކޯގެ އަތުގައި 160 ފޫޓު އަޑިއަށް ފޭބުމުގެ ރަސްމީ ހުއްދަ އޮތެވެ. ނަމަވެސް، މަރުވި ޖިއޯޖިއާ އާއި ޑައިވް އިންސްޓްރަކްޓަރު ޖިއަންލޫކާއަށް އެފަދަ ހުއްދައެއް ލިބިފައެއް ނުވެއެވެ. ޑައިވަރުން މަރުވި ސަބަބެއް ކަމަށް ބެލެވެނީ ގެނބިގެން ނުވަތަ އޮކްސިޖަން ހުސްވެގެން ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ.
މި ހާދިސާގެ ތަހުގީގު ރާއްޖެއާއި އިޓަލީގެ ސަރުކާރުން ގުޅިގެން ކުރިއަށްގެންދާއިރު، ޑައިވަރުން ބޭނުންކުރި ގޯ-ޕްރޯ ކެމެރާތަކުގެ ފްޓޭޖްތައް މިހާރު ދަނީ ދިރާސާ ކުރަމުންނެވެ. އަދި އިޓަލީގެ ޕްރޮސެކިއުޓަރުން ދަނީ އިހުމާލުން މީހަކު މަރުވުމުގެ މައްސަލައެއްގެ ގޮތުގައިވެސް މިކަން ތަހުގީގު ކުރަމުންނެވެ. މިކަމުގެ ފޮރެންސިކް ރިޕޯޓް ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ބެލެވެއެވެ.
މި ހާދިސާއާ ގުޅިގެން ޑޭންގެ ޓީމުން ވަނީ ވ. އަތޮޅު ދެކުނު ކަނޑުގެ ހޮހަޅައަކީ އާދައިގެ ޑައިވަރުންނަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެކަށީގެންވާ ތަމުރީނާއި ހާއްސަ އާލާތްތަކާ ނުލައި އެއްވެސް ބަޔަކު އެތަނަށް ނުވަނުމަށް އެ ޓީމުން ވަނީ އިލްތިމާސްކޮށްފައެވެ.

