ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދެމުންދިޔަ މެޑިކަލް ވެލްފެއަރގެ ޚިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި ބަދަލު ތަންފީޒުވާން ފަށާނީ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ، މިހާރު ޞިއްޙީ ނިޒާމުގެ އެހީގެ ޚިދުމަތް ދެ މުއައްސަސާއަކުން ދެމުންދާތީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމެވެ. މިއާއެކު، އެންސްޕާއިން ކުރިން ދެމުންދިޔަ މެޑިކަލް ވެލްފެއަރގެ ގިނަކަ ކަންތައްތަކެއް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުވެގެންދާނެއެވެ.
މި ބަދަލާއެކު އާސަންދަ ކުންފުނީގެ ދަށަށް ބަދަލުވާ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:
- ގޯޝަން ބަލި ތަޙައްމަލްކުރަމުންދާ ފަރާތްތަކަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން.
- ކެންސަރު ބަލީގެ ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން.
- ރާއްޖެއިން ލިބެންނެތް ނުވަތަ އެޕްރޫވުޑް ޑްރަގް ލިސްޓްގައި ނުހިމެނޭ ބޭސް ހޯދުމަށް އެދޭ ފަރާތްތަކަށް އެހީވުން.
- ރާއްޖެއިން ނުލިބޭ ބޭސް އަދި އާންމުކޮށް ބޭނުންވާ ބޭސް ހޯދުމަށް ދެވޭ ފައިސާގެ އެހީ.
- އާސަންދަ ހަމަޖެހިގެން ބޭރުން ފަރުވާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ޓިކެޓް.
- ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ޞިއްޙީ ކަންކަމަށް ދެވޭ އެހީ.
- ޕަބްލިކް ހޮސްޕިޓަލްތަކުންނާއި އާސަންދައިން ކަވަރ ނުކުރާ ޓެސްޓްތަކާއި ތަޙްލީލްތަކަށް ދެވޭ އެހީ.
- ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ އާލަތްތަކާއި، މެޝިން (އެސިސްޓިވް ޑިވައިސަސް) އަދި މެޑިކަލް ކޮންސިއުމަބަލްސް ފޯރުކޮށްދިނުން.
- ފަރުވާ ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށް ދިއުމަށް ނުވަތަ ރާއްޖެ އައުމަށް ބޭނުންވާ އެހީ (ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން).
- ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ހަދަންޖެހޭ ފޮލޯއަޕްތަކަށް އެހީވުން.
- އަމިއްލަ ޚަރަދުގައި ބޭރަށް ފަރުވާއަށް ގޮސް އުޅުމުގެ ތެރޭގައި ދިމާވާ ދަތިތަކަށް ދެވޭ އެހީ.
- ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ބޭނުންވާ ރިފަރަލް ހެދުން.
- ބޭރުން ފަރުވާ ހޯދާ ހޮސްޕިޓަލް ބަދަލުކުރުމާއި ކޮންސެންޓް ނެގުން.
- މެރަނަ ސްކީމުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެމަރޖެންސީ ހާލަތްތަކުގައި ކަވަރޭޖް ބޮޑުކޮށްދިނުން.
- ރަށުން ލިބެންނެތް ފަރުވާއެއް ހޯދުމަށް މާލެއަށް ރިފަރކުރަންޖެހޭ ހާލަތްތަކުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދިނުން.
- ވެލްފެއަރ ސްކީމުގެ ދަށުން ކަނޑައަޅާފައިވާ ލިމިޓް އިތުރުކުރުމަށް ހުށަހެޅުމުން އެކަން މުރާޖަޢާކޮށް އެހީ ފޯރުކޮށްދިނުން.
މި ބަދަލާ ގުޅިގެން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، މިއީ ރައްޔިތުންނަށް އެއް ފުރާޅެއްގެ ދަށުން، އެއް އެޕްލިކޭޝަނެއް މެދުވެރިކޮށް ހުރިހާ އެހީއެއް ލިބޭނެ ގޮތް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މީހުންގެ މަޢުލޫމާތު ބެލެހެއްޓުމަށާއި، ފޯރުކޮށްދެވޭ އެހީތެރިކަން އިތުރަށް ސާފުވެ، ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ޖޫން 1 ވަނަ ދުވަހުން ފެށިގެން މި ޚިދުމަތްތަކަށް އެދި ހުށަހަޅާ ފަރާތްތަކަށާއި، މިހާރު އެންސްޕާއަށް ހުށަހަޅާފައިވާ ފަރާތްތަކަށްވެސް ޖަވާބު ދެމުންދާނީ އާސަންދަ ކުންފުނީގެ ފަރާތުންނެވެ. އަދި މި ޚިދުމަތްތަކާ ގުޅޭ އެންމެހާ މަޢުލޫމާތުތައްވެސް ދެން ފޯރުކޮށްދޭނީ އާސަންދަ ކުންފުނިންނެވެ.

