މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ޚިދުމަތްތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން މ. ރަތްމަންދޫގައި މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަނަކީ އާރްޓީއެލް ފެރީގެ ނިޒާމުގެ ތެރެއިން ދަތުރުތައް ރޭވުމާއި، ޓިކެޓް ބުކްކުރާނެ ގޮތްތަކުގެ އިތުރުން ފެރީ ތާވަލުތަކަށް ރަށުގެ ރައްޔިތުން އަހުލުވެރިކުރުވުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި މި ހަރަކާތް ކުރިއަށް ގެންދިއުމުގައި ރަތްމަންދޫ ކައުންސިލާއި، އެ ރަށުގައި ހުރި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ވަނީ ލިބިފައެވެ. އެ ކުންފުނިން ވަނީ މި ސެޝަން ކާމިޔާބުކަމާއެކު ނިންމާލުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ސަރުކާރުން ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އަތޮޅުތަކަށް އާރްޓީއެލްގެ ޚިދުމަތް ފުޅާކުރަމުންދާއިރު، މިފަދަ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކަކީ ޚިދުމަތުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއް އާރްޓީއެލް މެދުވެރިކޮށް ގުޅާލައި، ރައްޔިތުންނަށް އިތުބާރު ހުރި އަދި އަގުހެޔޮ ދަތުރުފަތުރުގެ ނިޒާމެއް ކަށަވަރުކޮށްދިނުމެވެ.

