މި އިންތިޚާބުގައި ސަލީމާ ވާދަކުރެއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅުއްވި ހުސައިން ޒިޔާދެވެ. ވޯޓުގެ ނަތީޖާ ދެއްކި ގޮތުން އަޙްމަދު ސަލީމަށް 62 މެންބަރުންގެ ވޯޓު ލިބިވަޑައިގެންނެވިއިރު، ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ. މީގެ އިތުރުން ދެ ވޯޓު ބާތިލްވެފައިވާކަން މަޖިލީހުން ހާމަކޮށްފައިވެއެވެ.
ވޯޓުގެ ކަންކަން ކުރިއަށްގެންދިއުމަށްޓަކައި މަޖިލީހުގެ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވާލާފައިވެއެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަތީ މެންބަރު ހުސްނީ މުބާރިކް، އަހްމަދު ޒަމީރު، ޑރ. އަނާރާ ނައީމް، އިބްރާހީމް ނާޒިލް އަދި އަމިއްލަ މެންބަރެއްގެ ގޮތުގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނެވެ.
ސަލީމް އިންތިޚާބުވުމާ ގުޅިގެން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މަރުޙަބާ ދަންނަވައިފައެވެ. ޢަބްދުއްރަޙީމް ވިދާޅުވީ، “ރައްޔިތުންގެ މަޖިލީހުގެ ތަޖުރިބާ ވަރަށް މުއްސަނދި ބޭފުޅަކަށް ސަލީމް ވެވަޑައިގަންނަވާނީ. އެހެންވީމާ އަޅުގަނޑު ޔަގީންކުރަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ ތަޖުރިބާގެ އަލީގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމުގެ މަގާމުގައި ހުންނަވައިގެން މި މަޖިލީހަށާއި ދިވެހި ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާނެ ކަމަށް” ކަމަށެވެ.
މަޖިލީހުގެ ނައިބުރައީސްކަމުގެ މަޤާމް ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިއްޔެ މަޤާމުން އިސްތިޢުފާދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިޢުފާ ދެއްވީ އޭނާ މަޤާމުން ވަކިކުރުމުގެ ވޯޓު ނެގުމަށް ތާވަލުކޮށްފައި ވަނިކޮށެވެ.

