ކ. ގަލުފަޅު ކައިރިން މިއަދު ފަތިހު ދެ ލޯންޗު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 5:45 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ވިލިމާލެއިން ފުރައިގެން ގިލިލަންކަންފުށި ރިސޯޓަށް ދަތުރުކުރި “ޓުއާ ގާޑް” ނަމަކަށް ކިޔާ ލޯންޗަކާއި އެހެން ލޯންޗެއް ޖެހިގެންނެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގި އިރު ލޯންޗު އޮތީ ވިލިމާލެއާ ވަރަށް ކައިރީގައެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އަނިޔާވި 38 އަހަރުގެ ދިވެހި ފިރިހެނަކަށާއި 30 އަހަރުގެ ބިދޭސީ ފިރިހެނަކަށް މިހާރު ދަނީ އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގައި ފަރުވާ ދެމުންނެވެ.
މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި އެކްސިޑެންޓުވި ވަގުތު ލޯންޗުގެ ކެޕްޓަން އިނީ ދުއްވަން އިން ދިމާލުން ލޯންޗު ފަޅައިގެން ދިއުމުގެ ސަބަބުން ނުކުމެވޭނެ ގޮތެއް ނެތި ތާށިވެފައެވެ. އޭނާގެ ގައިން ބޮޑަށް ލޭ ފައިބަމުން ދިޔައިރު، ފުލުހުން ވަނީ އޭނާ ލޯންޗުން ނެރުމުގެ މަސައްކަތް ކޮށްފައެވެ. މި އެކްސިޑެންޓުގައި ޓުއާ ގާޑް ލޯންޗު ވަނީ ވަރަށް ބޮޑަށް ފުނޑުފުނޑުވެފައެވެ.
މި ހާދިސާއާ ގުޅޭގޮތުން މައުލޫމާތު ދިން ބައެއް މީހުން ބުނީ، ޓުއާ ގާޑް ލޯންޗުގައި ޖެހުނު އަނެއް ލޯންޗު އެކްސިޑެންޓަށް ފަހު މަޑުނުކޮށް ފިލާފައިވާ ކަމަށެވެ. ފުނޑުފުނޑުވި ލޯންޗު މިހާރު ވަނީ މާލޭގެ އިއްޒުއްދީން ފާލަން ކައިރިއަށް ގެނެސްފައެވެ.
ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ. އެ ސަރަހައްދުގައި ފުލުހުންގެ ޓީމުތަކުން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

