ވޭޕް މަނާކުރުމާއި، ދުންފަތުން ދިވެހިން ސަލާމަތްކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެއްވެސް ނޭދެވޭ އަސަރެއް ކޮށްފައިނުވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ދުންފަތް ހުއްޓުވުމަށް މަސައްކަތްކުރުމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވީ، 2025 ވަނަ އަހަރަކީ ވޭޕް މަނާކުރުމުގެ ފިޔަވަޅު ތަންފީޒުކުރަން ފެށި އަހަރަށްވާއިރު، އެ އަހަރު ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާކުރި މިންވަރަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިއީ މި ފިޔަވަޅުގެ ސަބަބުން ފަތުރުވެރިކަމަށް ބުރޫނާރާކަމުގެ ހެއްކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ގައުމީ ސަލާމަތާއި ސިއްހީ ދުޅަހެޔޮކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ފަތުރުވެރިކަމަށް އަސަރުކޮށްފާނެ ކަމުގެ ބިރުވެރިކަން ބައެއް ފަރާތްތަކުން ފާޅުކުރި ނަމަވެސް، ހަގީގަތުގައި ފެންނަނީ ތަފާތު މަންޒަރެއް ކަމަށެވެ. “ގިނަ ފަހަރަށް މިބާވަތުގެ ކަންކަމާއި ސެކިއުރިޓީ ރިލޭޓެޑް ކަންކަން ޕާސީވްްކުރޭ ރާއްޖޭގައި މިކަންކަމުން އަންނާނީ ގޯސް އިމްޕެކްޓެއްކަމަށް ޓޫރިޒަމަށް. ނަމަވެސް އަޅުގަނޑަށް ހީވަނީ މި ޑެސްޓިނޭޝަނުގައި ކަންކަން ތަރުތީބުކުރެވިފައި ހުރި ގޮތަށް ބަލާއިރު، ރާއްޖެއަށް އަންނަ ޓޫރިސްޓުން ރެސްޕެކްޓުކުރޭ އަޅުގަނޑުމެންގެ މި ސްޓެންޑާޑްތަކަށް،” އިހުސާން ވިދާޅުވިއެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ އަހަރާއި މި އަހަރުގެ އަދަދުތަކުން ވޭޕް މަނާކުރުމުގެ ސަބަބުން އެއްވެސް ދަށްވުމެއް އައިސްފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ފަތުރުވެރިން ރާއްޖޭގެ ގައުމީ ނިންމުންތަކަށާއި ސިއްހީ މިންގަނޑުތަކަށް އިހުތިރާމުކުރެއެވެ.
މި ނިންމުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިއީ ރާއްޖޭގެ ޒުވާނުންގެ ބޮޑު އިންސައްތައެއް ވޭޕުގެ ޒަރީއާއިން މަސްތުވާތަކެތީގެ ވަބާގައި ޖެހުމުގެ ބިރު އޮތް މިންވަރު ކުޑަކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. މި ނިންމުމުގެ މައިގަނޑު މަގްސަދަކީ ޖީލުތަކުގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުން ކަމަށްވެސް ސަރުކާރުން ބުނެއެވެ.

