ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގަމުންދިޔަ ނެޓްވޯކެއްގެ އިސް ދެމީހަކު ގއ. ވިލިނގިލިން ފުލުހުން ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން، ކުޑަކުދިން ކުށްތަކަށް ބޭނުންކުރުން ހުއްޓުވުމަށް ހިންގި ހާއްސަ ހަރަކާތެކެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ ރަށުގެ ހަތަރު ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. މި ފާސްކުރުމުގެ ތެރެއިން ޖުމްލަ 66.92 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ހިމެނެނީ 53.91 ގްރާމްގެ ބްރައުން ޝުގަރ އާއި 13.01 ގްރާމްގެ މެތަފެޓަމިން އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ މި ނެޓްވޯކް ހިންގުމުގައި އިސްކޮށް އުޅޭ ދެ މީހުންނެވެ. އެއީ:
- މުޙައްމަދު ޢަޠޫފް ޙަބީބް (25އ)، އެތެންސް / ގއ. ވިލިނގިލި
- މުޙައްމަދު ރާއިފް ޙުސައިން (20އ)، ދެތަޑިމާގެ / ގއ. ވިލިނގިލި
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ޢަޠޫފް 15 ދުވަހަށް އަދި މުޙައްމަދު ރާއިފް 10 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މިއީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި ކުޑަކުދިން އެކްސްޕްލޮއިޓްކުރުން ނުވަތަ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ހިންގުނު މުހިންމު އޮޕަރޭޝަނެކެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ކުށްތަކަށް ހުށަހެޅޭ ކުދިން އެކަމުން ސަލާމަތްކޮށް، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

