އާއިލާތަކުގެ ބިންގާތައް ހަރުދަނާކޮށްދެނީ މައިންބަފައިން އުމުރުދުވަހު ވަމުންދާ ގުރުބާނީތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ މައިންބަފައިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއީ އަމިއްލަ އެދުމެއްނެތި މައިންބަފައިން ދަރިންގެ ހިދުމަތުގައި ތިއްބަވާ ތިއްބެވުން ފާހަގަކޮށް، އެ މުހިންމު އިލްތިޒާމުގެ އަގުވަޒަންކުރުމުގެ ދުވަސް ކަމަށެވެ. މައިންބަފައިންގެ ލޯތްބާއި ވިލުންތެރިކަމަކީ އަންނަން އޮތް ޖީލުތަކުގެ މުސްތަގުބަލު ބައްޓަންކޮށްދޭ މައިގަނޑު އަސާސްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މައިންބަފައިންގެ ލޯތްބަކީ ގައުމު ވަރުގަދަކޮށްދޭ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހި މުޖުތަމައުގައި މައިންބަފައިން އަދާކުރާ ހައްސާސް ދައުރު ސަރުކާރުން ބަލައިގަންނަ ކަމަށެވެ. އަދި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ މައިންބަފައިންނަށް މަދަދުވެރިވެ، ކޮންމެ ކުއްޖެއްގެ މުސްތަގުބަލު ހިމާޔަތްކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
އާއިލީ ސަގާފަތް ނަގަހައްޓައި، މުޖުތަމައުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ތައުލީމާއި، ސިއްހީ ފަރުވާއާއި، އިޖުތުމާއީ އެކި ޕްރޮގުރާމުތަކަށް ސަރުކާރުން އިންވެސްޓުކުރަމުންދާނެ ކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ދެއްވިއެވެ.
ބައިނަލްއަގުވާމީ ގޮތުން ޖޫން މަހުގެ އެއްވަނަ ދުވަހަކީ މައިންބަފައިންގެ ދުވަހުގެ ގޮތުގައި އެކުވެރި ދައުލަތްތަކުން ކަނޑައަޅާފައިވާ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ދަރިން ތަރުތިބިއްޔަތުކުރުމާއި އާއިލާތައް ހިމާޔަތްކުރުމުގައި މައިންބަފައިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމެވެ.

