މައިންބަފައިންގެ ޒިންމާ އަދާކުރުމަށް ބޭނުންވާ ޖާގައާއި މަދަދު އެންމެން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިލްތިމާސްކުރައްވައިފިއެވެ. އެކަމަނާ މިކަމަށް އިލްތިމާސްކުރެއްވީ ޖޫން މަހުގެ އެއްވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ މައިންބަފައިންގެ ދުވަހުގެ މުނާސަބަތުގައެވެ.
މި ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވީ، “މައިންބަފައިންގެ ލޯތްބާއި ކެތްތެރިކަމާއި ގުރުބާނީއަކީ އަޅުގަނޑުމެންގެ ކުޑަކުދިންގެ ދިރިއުޅުމަށް ކާނާދީ ދިރުންދޭ ކަންކަން” ކަމަށެވެ. އަދި މައިންބަފައިން ދަރިންނަށްޓަކައި ހުސްވެގެން ތިބޭ ތިބުމަކީ ބަދަހި އާއިލާތަކާއި އޯގާތެރި މުޖުތަމައެއްގެ އަސާސްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ދިވެހި މުޖުތަމައުގެ ހިތްކަމުގައިވާ އާއިލީ ގުޅުންތައް ހުރިހާ އެންމެންވެސް އަގުވަޒަންކުރާކަން ފާހަގަކުރައްވަމުން، މައިންބަފައިންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް އެކަމަނާ ވަނީ ގޮވައިލެއްވިއެވެ. މީގެ އިތުރުން، އަޅައިލުމާއި ހިމާޔަތާއި ފަހި ފުރުސަތުތަކުގެ ތެރޭގައި ކޮންމެ ކުއްޖަކުވެސް ބޮޑުވާކަން ކަށަވަރުކުރުމުގައި މައިންބަފައިން އަދާކުރާ މުހިއްމު ދައުރު އިހުތިފާލުކޮށް ފާހަގަކުރުމަށްވެސް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
ބައިނަލްއަގުވާމީ ގޮތުން މައިންބަފައިންގެ ދުވަހުގެ ގޮތުގައި ޖޫން މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަން އެކުވެރި ދައުލަތްތަކުން (ޔޫއެން) ނިންމާފައިވަނީ، ދަރިން ތަރުތިބިއްޔަތުކުރުމާއި އާއިލާތައް ހިމާޔަތްކުރުމުގައި މައިންބަފައިން ކުރާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ މަގުސަދުގައެވެ.

