މިއީ މުޅި ރަށް ދަންނަ ލޯބީގެ ވާހަކައެއް އޮތް ދެމަފިރިންނެވެ. އެހެންނަމަސް މިއަދު ދެމަަފިރިންނަށްވެސް ދިރިއުޅެމުންދަނީ ނުހަނު ހިތްދަތި ދިރިއުޅުމެކެވެ
އިބްރާހިމް މޫސާ، އެންމެން ދަންނަ ނަމުން ނަމަ އިބްރާހީމްބެއަކީ ހީވާގި މަސައްކަތްތެެެރި އެކެވެ. ތިން ކުދިންނާއެކު އުފާވެރި ދިރިއުޅުމެއް ވޭތުކުރަމުން ދިތަ މި އާއިލާގެ ހަމަޖެހޭ ދިރިއުޅުން ގެއްލުނީ އިބްރާހިމްގެ ލޮލަށް އަރާފައިވާ މަސްކޮޅެއް ނެގުމަށް ކުރި އޮޕަރޭޝަނަށް ފަހުއެވެ. އެ ހިސާބުން އޭނާގެ ލޮލުގެ ފެނުން ގެއްލި މުޅި އާއިލާ އަށް ފުން ހިތާމައަކާ ކުރިމަތިލާން ޖެހުނެވެ.
މާލޭގައި ޕިކަޕް ދުއްވުމުގެ މަސައްކަތް ކުރި އިބްރާހިމްގެ ހަޔާތުގެ ބޮޑުބައި އާއިލާއަށްޓަކައި ގުރުބާން ކުރިއެވެ. އިބްރާހިމްގެ އާއިލާގެ ދިރިއުޅުން އެ ވޭތުކުރަމުން އައީ ލޯބިވާ އަނބިމީހާގެ އެހީގައެެވެ. ނަމަވެސް ޝާދިޔާއަށް ވެސް ސްޓްރޯކެއް ޖެހި އެއްފަޅި ވާގި ނެތުނު ހިސާބުން އެ އާއިލާގެ ކަންބޮޑުވުން ވީ އިތުރެވެ. އިބްރާހިމްގެ ދޮށީ ދަރިފުޅަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ވުމުން އެ އާއިލާ އަށް ދިރިއުޅުން ކަޑައްތުކުރުން ވެފައި ވަނީ ދަތި އުނދަގޫ ކަމަކަށެވެ.
ޝާދިޔާ އަށް ސްޓްރޯކެއް ޖެހުނު ފަހުން ފަސް ވަރަކަށް ފަހަރު އޭނާ އަށް ޝިފާއެއް ލިބޭތޯ އިންޑިއާ އަށް ވަނީ ގޮސްފައެވެ. ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި ކުރި އެ ދަތުރުތަކުން ކޮންމެވެސް ވަރެއްގެ ރާހަތެއް އޭނާ އަށް ވަނީ ލިބިފައެވެ. ނުކުޅެދުންތެރިކަން ހުންނަ ތިން މީހުންނާ އެކު، މިފަދަ ދަތި ހާލުގައި އުޅެން ޖެހުނު ނަމަވެސް މި ދެމަފިރިންނަށް އެންސްޕާ އާއި އާސަންދައިގެ އެހީއެއް ނުލިބޭ ކަމަށް އިބްރާހިމް ވަނީ ބުނެފައެވެ.
" ނުލިބޭ އެހީއެއް. ޝާދިޔާ ބައިންދާނެ ފުރޮޅުލީ ގޮނޑި ވެސް ހޯދީ ބޭސް ފިހާރައެއްގެ ވެރި މީހާ ކައިރީ އާދޭސް ކޮށްގެން، ދިރިއުޅުމަށް ކުރަންޖެހޭ އެއްވެސް ކަމެއް މިހާރު ނުކުރެވޭ. ކައިގެން ބޮއެގެން އުޅެވެނީ އާއިލާ މީހުންގެ އެހީތެރި ކަމާއެކު. އުމުރުން 18 އަހަރު ފުރިފައިވާ ކުއްޖާ އަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް. ދެން ތިބެނީ 18 ނުފުރޭ ކުޑަ ދެކުދިން. މިހާރު ބޭނުމީ ޝާދިޔާ އަށް އަވަސް ޝިފާއެއް. އެކަން ކުރެވެން އޮތީ ކިރިޔާވެސް ރާއްޖެއިން ބޭރުން." އޭނާ ކިޔައިދިނެވެ.
މިހާރު އަނެއްކާވެސް ޝާދިޔާގެ ބޭސްފަރުވާ އަށް އިންޑިއާ އަށް ދާން ބޭނުންވެފައި ވާއިރު އެކަމަށް ބޭނުންވާ މާލީ ތަނަވަސްކަން އިބްރާހިމް އާއި އޭނާގެ އާއިލާގެ ކިބަޔަކު ނެތެވެ. އެހެންކަމުން މި ވަގުތު ޝާދިޔާ އަށް ވަނީ އާންމުންގެ ދީލަތި އެހީއެއްގެ ބޭނުން އިންތިހާ އަށް ޖެހިފައެވެ. ބަލި އެނދުގައި އެހެން އޮންނަތާ 10 އަހަރު ވީއެވެ.
އިބްރާހިމް މޫސާ އާއި އޭނާގެ އާއިލާ އަށް އެހީތެރިވެލައްވާ، މިކަމާ ގުޅޭ އިތުރު މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ނަމަ އޭނާގެ ފޯން ނަމްބަރު 7704076 ށް ގުޅައިގެން މައުލޫމާތު ހޯދުމަކީ އޭނާގެ އިޚުލާސްތެރި އެދުމެކެވެ. ހަމައެހެންމެ ފައިސާގެ އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާ ކުރާނީ އަ
އިބްރާހިމް މޫސާގެ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓް ނަމްބަރު 7708387078101 އަށެވެ.
މާތް ﷲ ޝާދިޔާއަށް އަވަސް ޝިފާއެއް މިންވަރު ކުރަައްވާ މި ދަތި ހާލަތުގައި އާއިލާ އަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!




ޝާދިޔާގެ ސިއްހީ ލިޔުްޔައް

