ށ. އަތޮޅު މިލަންދޫގައި ފައިބަރ މަސައްކަތްކުރާ ތަނެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ، ރޭގެ ވަގުތެއްގައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިލަންދޫ ފައިބަރު މަސައްކަތް ކުރާ ތަނެއްގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ 23:09 އެހައިކަންހާއިރުއެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، ފުލުހުންނާއި ރަށުގެ އާންމު ރައްޔިތުން ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ފުލުހުން ބުނީ އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭ ދަންވަރު 01:00 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާކަން ފުލުހުން ކަށަވަރުކޮށްދެއެވެ.
ނަމަވެސް، މި އަލިފާނުގެ ހާދިސާގައި އެތަނަށް ވަނީ ބޮޑެތި މާލީ ގެއްލުންތަކެއް ވެފައެވެ. އެގޮތުން ތިން ޑިންގީއަކާއި، ޑިންގީ އެޅުމަށް ބޭނުންކުރާ ތައްގަނޑުތަކެއްގެ އިތުރުން، ފައިބަރު މަސައްކަތް ކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ތަކެއްޗާއި މުޅި އިމާރާތަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

